އާސާރީ ތަންތަނާއި ތަކެއްޗަށް ގެއްލުންދިނުމަކީ ޤާނޫނީގޮތުން މަނާކަމެއް – ހެރިޓޭޖް މިނިސްޓްރީ
އާސާރީ ތަންތަން ހަލާކުކޮށް ރޫޅައި އެފަދަ ތަންތަނާއި ތަކެއްޗަށް ގެއްލުންދިނުމަކީ ޤާނޫނީގޮތުން މަނާކަމެއްކަމަށް މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން ބުނެފިއެވެ.
މިނިސްޓްރީން މިހެން ބުނެފައި މިވަނީ ފ.ބިލެއްދޫގައި ވެވެއް ގަވާއިދާ ޚިލާފަށް ކޮނުމުގެ މަސައްކަތް އެރަށު ކައުންސިލުން ކުރަމުންގެންދިއުމާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ. އެބަޔާނުގައި . އާސާރީ މަސައްކަތްކުރުމުގައި ފަންނީ މީހުންގެ މަޝްވަރާ ނުހޯދައި މަސައްކަތްކުރާނަމަ އިޔާދަނުކުރެވޭނެފަދަ ގެއްލުން އެފަދަ ތަންތަނަށް ލިބިދާނެކަމަށްވެސް ބުނެފައިވެއެވެ.
ބިލެއްދޫގައި ވެވެއް ކޮނުމުގެ މަސައްކަތް ކުރިއަށްދާކަން މިނިސްޓްރީއަށް އެނގިފައިވަނީ ސޯޝަލް މީޑިއާއިންކަން ފާހަގަކުރައްވާ މިނިސްޓްރީގެ ބަޔާނުގައި ވަނީ އެކަން އެނގުމާއެކު ވެވު ކޮނުމުގެ މަސައްކަތް ހުއްޓާލުމަށް ރަށު ކައުންސިލަށް އަންގާފައިވާނެކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް ތަކުރާރުކޮށް ފޯނުންނާއި ލިޔުމުން އެނގުމުންވެސް ކައުންސިލުން ވެވުކޮނުމުގެ މަސައްކަތް ހުއްޓަލާފައިނުވާކަން މިނިސްޓްރީގެ ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ.
ބިލެއްދޫގައި ވެވެއް ކޮނުމުގެ މަސައްކަތް ކުރަމުންގެންދަނީ ދިވެހިރާއްޖޭގެ އާސާރީ ތަންތަނުގެ ދަފްތަރުގައި ހިމެނޭ ސަރަޙައްދެއްގައިކަމަށް ތަރިކައާބެހޭ މިނިސްޓްރީން ހާމަކުރައްވައެވެ. އަދި އެފަދަ ދުވަސްވީ ތަންތަން ކޮނުމުގެ މަސައްކަތް އެކަމަށް ބޭނުންވާ ތަޖުރިބާ ނެތް ފަރާތްތަކުން ކުރުމަކީ އެތަންތަނަށް އިޔާދަނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުންވާނެކަމެއްކަން މިނިސްޓްރީގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި ވެވު ކޮނުމަކީ ވަކި އުސޫލެއްގެ ދަށުން ވަކި ހަމަތަކަކާއި އެއްގޮތަށް ކުރަންޖެހޭކަންކަމަށް ވާއިރު ބިލެއްދޫ ކައުންސިލުން މިކަން ކުރީ ތަޖުރިބާކާރުންނާއި އަދި މިނިސްޓްރީއާއި މަޝްވަރާ ނުކޮށްކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.
އެހެންކަމުން ރާއްޖޭގެ އެއްވެސް ރަށެއްގައި އާސާރުތަކާއި ގުޅުންހުރި މަސައްކަތެއް ކުރާނަމަ މިނިސްޓްރީގެ ލަފައާއި އިރުޝާދު ހޯދުމަށް މިނިސްޓްރީން އިލްތިމާސްކުރައްވައެވެ. އަދި އެމިނިސްޓްރީގެ އަމާޒަކީ ރަށްރަށުގައި ހުރި އާސާރީ ތަންތަން ޙިމާޔަތް ކުރުމުގެ މަސައްކަތް ރަށުގެ ކައުންސިލްތަކާއި ރައްޔިތުންނާއި ގުޅިގެން ކުރިއަށްގެންދެވުންކަމަށްވެސް ހެރިޓޭޖް މިނިސްޓްރީން ބުނެއެވެ.




