އަޅުގަނޑު އިނީ އާދައިގެ މަތިން ޓީވީ ބަލާށެވެ. އެވަގުތު ލައިވްކޮށް ގެނެސްދެމުން އެދަނީ މޯލްޑިވުސް ޕޮލިސް ސާރވިސްގެ ނިއުސް ކޮންފަރެންސެކެވެ. ” މިއަހަރުގެ މިހާތަނަށް ފޭރުމުގެ 121 މައްސަލަ ފުލުހުންނަށް ހުށައަޅާފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިސަރ އިޒުމިއްޔާ އެދަނީ ބުނަމުންނެވެ.” އަދި މީގެތެރެއިން 113 މައްސަލައަކީ މާލޭސިޓީން ހުށައަޅާފައިވާ މައްސަލަކަންވެސް ފާހަގަކުރަމުންނެވެ. އިޒުމިއްޔާ ވިދާޅުވި ގޮތުންނަމަ ނިމިދިޔަ 3 މަސް ދުވަހުގެ ތެރޭގައި ހިނގާދިޔަ ކޮންމެ ދުވަހަކީ މަގުފޭރޭ މީހުން ރޯމާ ދުވާލު މީހުންގެ ކުރިމަތީގައި މަގުފޭރިފައިވާ ދުވަހެކެވެ. ނުވަތަ ރެއެކެވެ. މިއީ ދެރަވަރު ވާހަކައެވެ. އިންސާނީ މުޖުތަމައެއްގައި ވެގެންވާނެ ގޮތެއްނޫނެވެ. އަދި މާލޭސިޓީ ކަހަލަ ކުޑަތަނެއްގައި އަމުދުން އެއްގޮތަކަށްވެސް ކުރެވިގެން ވާނެކަމެއް ނޫނެވެ.
މިހާލަތަށް މާލޭސިޓީގައި މަގުފޭރުން އާންމުވެފައި ވާކަމަށް ޕޮލިހުން ބުނެފައިވާތީ، އަދި އަޅުގަނޑަކީ މިފަދަ މައްސަލަތަށް އާންމުންނާއި، ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ލިޔާމީހަކަށް ވުމުން މި މައްސަލައާއި ބެހޭގޮތުން ކޮންމެސްއެއްޗެއް ލިޔެލާނަމެވެ.
” ޕުރޮޓެކްޓް އެންޑް ސާވް” ކޮންމެޔަކަސް ޕޮލިސް ހެޑްކުއާޓަރ އިމާރާތުގެ އެތެރެއަށް ވަދެގެން ދާއިރު އެންމެ ފުރަތަމަ ފެންނާނީ އިރުމަތީ ބިއްގަޑުގައި ޕުރޮޓެކްޓް އެންޑް ސާވް ބޮޑުއަކުރުން ލިޔެފައިވާ ލިޔުމެކެވެ. އަޅުގަނޑަށް ގަބޫލު ކުރެވުނު ގޮތުގައި ޕުރޮޓެކްޓް އެންޑް ސާވް ރަމުޒުކޮށްދެނީ ” ރައްޔިތުންގެ ސަލާމަތްތެރިކަމާއި، ރައްކާތެރިކަމެވެ. ނުވަތަ އިންސާނަކަށްވީތީ ދިރިހުރުމާއި، މުދަލާއިގެދޮރުގެ ރައްކާތެރިކަމުގެ ޖާމިނުވުން ކަށަވަރުކޮށްދޭ ބުނުމެއްގެ ގޮތުގައެވެ.” އެހެންކަމަށް ވުމުން ޕޮލިހުންނަކީ މިދެންނެވި ރައްކާތެރިކަން ރައްޔިތުންނަށް ޝައްކެއް ނެއް މިންވަރަށް ކަށަވަރުކޮށްދޭނެ، އަދި ކަށަވަރު ކޮށްދެންޖެހޭ ބަޔަކަށް ވާންޖެހެއެވެ.
ސުވާލަކީ 3 ކިލޯމީޓަރ ހަމަނުވާ ކުޑަ މި މާލޭސިޓީގައި މުޅިރައްވަށައިގެން ކަހަލަ ގޮތަކަށް ސީސީޓީވީ އާއި ކެމެރާތަށް ހަރުކުރެވިވާއިރުވެސް ރައްޔިތުންގެ ކުރިމަތީގައި ބަޔަކު ރޯމާދުވާލު މަގުފޭރެމުން ދާއިރު މިކަމުގެ ޒިންމާ ނަގާފަރާތަކީ ކޮބާހޭ! މިކަންކުރާ ފަރާތްތައްހޭ! ނޫނީ ރައްޔިތުން ޕުރޮޓެކްޓް އެންޑް ސާރވް ކުރުމަށް ގާނޫނީ ގޮތުން މަތިކޮށްފައިވާ ޕޮލިހުންހޭ! ނޫނީ ފައިސާއާއި، އަގޮބޮޑު ފޯނުތަށް ހިފައިގެން މަގުމައްޗަށް ނުކުންނަ ފަރާތްތަކުންހޭ! ނޫނީ މިކަން ހުއްޓުވޭނެ އެއްވެސް ގޮތެއް ހަމަ ނެތީހޭ! މިއީ ދިވެއްސަކަށް ވީތީވެ، މަތިމައްޗަށް ހިތާހިތުން ކޮންމެ މީހަކަށްވެސް ކުރެވޭނެ ސުވާލުތަކެވެ. އެންމެ ބޭފުޅުންނޭ! މިއީ އާދައިގެ ވާހަކައެއް ނޫނެވެ.
ގައުމެއްގެ ހަޔާތުގައި ރޯމާދުވާލު ރައްޔިތުންގެ ކުރިމަތީގައި ހެލްމެޓް އަޅަގެންނާއި، ތޫނު ހަތިޔާރުން ބިރުދައްކައިގެން މީހުންގެ ފައިސާކޮޅާއި ފިހާރަތަކުން ބޭންކަށް ޖަމާކުރަންގެންދާ މިލިއަން މިލިއަން ރުފިޔާތަކާއި، މީހުން ގެންގުޅޭ އަގުބޮޑު ފޯނުތައްވެސް ފޭރޭކަމަށް ޕޮލިހުން އެއްބަސްވެ ލެއްވީތީ، ދެން މިވާހަކަ ޝައްކެއްނެތް މިންވަރަށް ގަބޫލްކުރަމާ ހިންގަވާށެވެ. ބަޔަކު ހިތްހަމަ ނުޖެހުނަސް ކޮއްފައިވާ ހުވަޔާއި އެއްގޮތަށް ފަރުވާތެރި ކަމާއިއެކު މަސްއޫލިއްޔަތު އަދާކުރަމުން ދާތަން ނުފެންނާތީ، ދެން މިވާހަކަތަށް ސައިހޮޓާތަކުގެ މޭޒުމައްޗާއި ހިސާބަށް ސެންސަރުކުރުމެއްނެތި ތިލަކޮށްލަމާ ހިންގަވާށެވެ.
މިދެންނެވި ނޫސްކޮންފަރެންސް އަޑުއަހަން އިންމީހަކު އަޅުގަނޑު ކައިރީގައިބުނީ އަދުނާނުއޭ ޕޮލިހުން ގަބޫލްފުލު ކުރައްވަން ބޭނުންފުލު ނުވިއަސް މާލޭ ސިޓީގައި ދިރިއުޅޭ، މަގުހިނގާ މީހާއަށްވުރެ މަގުފޭރޭ މީހުންނަށް މާލޭސިޓީ އަމާންތަނެއްގެ ގޮތުގައި ބަދަލުވެގެން ހިނގާދާނެ ކަމުގެ ބިރުއޮތް ވާހަކައެވެ.
ދިވެހިރައްޔިތުންގެ މުދަލާ ފައިސާގެ ރައްކާތެރިކަން ކަށަވަރު ކޮށްދެންޖެހޭ ބައެއްގެ ގޮތުގައި ޕޮލިހުން ތިބެމެ، އަދި ޒިންމާދާރުކަމާއިއެކު ޑިއުޓީ ނަންގަވަންޖެހޭ މަގުފޭރޭ ވަކިވަކި ސަރަހައްދުތަށް ކަނޑައެޅިގެން އެގިލައްވާއިރު އެފަދަ ސަރަހައްދުތަކުގައި ޕޮލިހުން ޑިއުޓީއަށް ނުތިއްބަވާ އާންމު ރައްޔިތުންގެ ފަރުދީ ޒިންމާ އަދާކޮށް މަގުފޭރޭ މީހުން ދެނެގަނެ އެކަމުގެ މައުލޫމާތު ދިނުމަށް ޕޮލިހުން އާންމުންގެ އެހީތެރިކަމަށް އެދެމުން ދިއުމެވެ. އަޅެ އަޖައިބެއް ނުވޭހޭ! ޕެޕަރ ސްޕްރެއާއި ހަތިޔާރު ހިފައިގެން ރޯމާދުވާލު އާންމުންގެ ކުރިމަތީގައި މަގުފޭރޭ ބަޔަކު އާންމުންނަށް ހުއްޓުވުމަކީ އުދަގޫކަމެކެވެ. އަދި މަގުފޭރެމުން ދާގަޑީގައި ޕޮލިހުންނަށް ފޯނުކޮށްގެން މައްސަލަ ހުށައަޅާގެން ޕޮލިހުން އަންނައިރު ޖެހުނުތާ ލަކުނުވެސް ނުހުންނާނެއެވެ. ފިލުމް އޮންނާނީ ނިމިފައެވެ. ދެންބަލަން ޖެހެނީ ސީސީޓީވީގެ ފުޓޭޖް ތަކެވެ. ގިނަކެމެރާތަށް އެހާހިސާބުން މަސައްކަތެއް ނުކުރާނެއެވެ.
އޭނާބުނުއްވާ ގޮތުންނަމަ މިވަރުގެ ދެކޮޅުނުޖެހޭ ވާހަކައެއް ދުވަހަކުވެސް ނޫސްކޮފަރެންސެއްގައި އަދި މިހާތަނަށް ޕޮލިހުން ނުދައްކަވައެވެ. އަދި ހަމަ މިބޭފުޅާ ދެކިލައްވާ ގޮތުންނަމަ މާލޭސިޓީ މިހާލަތަށް މަގުފޭރޭ ތަނަކަށް ބަދަލުވެގެން ދިޔައީ ޕޮލިހުން ޒަމާނުންސުރެ ވަކިސަރަހައްދު ތަކެއްގައި މަޑުކޮށްގެންތިބެ ޑިއުޓީ ކުރަމުންއައި އާންމުއުސޫލް ބަދަލުކޮށް، މާލެތެރޭގެ ޑިއުޓީކުރުން ކާރުތަކަށާއި، ސައިކަލުތަކަށް ބަދަލްކޮށް ބުރުޖަހާ “ކަޕަލް” އުސޫލް އާންމުކުރުމުންނެވެ.
ކުޑަކޮށް ތާރީހުގެ ތެރެއަށް ޖެހިލަމާ ހިންގަވާށެވެ. އެދުވަސްވަރު ޕޮލިހެއް ފެނެއްޖިއްޔާ އެންމެ ކުޑަކުއްޖާއަށްވެސް އެނގޭނެއެވެ. ޕޮލިހުން ލައިގެން ތިއްބަވާ ގަމީހަކީ ގޮއްފަތީގައި ކަޅުފައްއެޅި ހުދުގަމީހެވެ. މުޅި މާލެހެން ބަލަމުން ގެންދަނީ ސައިކަލެއްގެ މަތީގައި ތިއްބަވާ ހައެއްކަ މީހުންނެވެ. އެހެން ނަމަވެސް އާންމު ރައްކާތެރިކަމަށް ބޭނުންވާ ހުރިހާ ސަރަހައްދެއްގައި ޕޮލިހުން މަޑުކޮށްގެން ތިބެ ޑިއުޓީ ކުރަމުންދެއެވެ. މިކަން މި މަގަށް މެދުނުކެޑި މުޅި މާލޭގައި ހިންގަމުން ދާތީ ކުއްކުރާ މީހާއަށް ޕޮލިހަކަށް ނުފެނި ކުށެއް ކުރެވޭނެ މާގިނަ ގޮތްތަކެއް ނުހުރެއެވެ. މިކަމުގެ ނަތީޖާއަކަށް ވެގެންދަނީ ފުލުހުންގެ ފަރާތުން ރައްޔިތުމީހާއަށް ރައްކާތެރިކަން ކަށަވަރުވުމެވެ. އަދި އަމުދުން މަގުހިނގާ އާންމު އުސޫލާ ޙިލާފްކަމެއް މީހަކަށް ކުރެވުނަސް ސުލައިމާނު ހުންނާނީ ފަހަތުން ވިއްދާފައެވެ. ދަންނަވަންޖެހެނީ މިއައްވުރެ ވަކި ރަނގަޅައް ފުލުހުންގެ ފަރާތުން ފަރުވާތެރި ކަމާއިއެކު މާލެތެރެ ބަލަހައްޓަމުން ގެންދިޔަ ކުއްމަދު ދުވަސް ވަރެއް ދިވެހި ތާރީހް ދެކިފައި ނުވާކަމެވެ.
ނިންމާލަމުން ދެތިންކަމެއް ފާހަގަކޮށްލާނަމެވެ. މިދެކެވެނީ ދިވެހިގައުމުގެ ސިލުމާއި ސަލާމަތްކަން ރައްޔިތުންނަށް ކަށަވަރުކޮށް ދިނުމަށްޓަކައި ގާނޫނީ ގޮތުން މަތިކޮށްފައިވާ ދިވެހިދައުލަތުގެ އެންމެ ފަޙުރުވެރި އެއް މުއައްސަސާގެ ވާހައެވެ. ކޮންމެ ގޮތެއްގައި ނަމަވެސް ދިވެހިދައުލަތުގެ ސަލާމަތީ ބާރުތަށް ވާންޖެހެނީ ދިވެހިރައްޔިތުންނަށް ސަލާމަތްތެރި ކަމާއި ރައްކާތެރިކަން ކަށަވަރުވާ ހިޔާބޮޑު ގަހަކަށެވެ.
ދިވެހިރާއްޖެ ކިތަންމެ އަމާން ތަނެއްގެ ގޮތުގައި މިވަގުތު އޮތަސް ދުނިޔެއަށް އަންނަ ބަދަލުތަކާއެކުއެކު ދުނިޔޭގައި ހިންގަމުންދާ ކަންތައްތަށް ހިނގާނެ ކަމަށް ގަބޫލު ކުރަން ޖެހޭވާހަކައެވެ. އެހެންކަމަށްވުމުން ކަމެއްދިމާވުގެ ކުރިން ރައްކާތެރި ކަމުގެ 3 ފިޔަވަޅު ކުރިއަށް އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ނޫނީ އަޅުގަނޑު ނުދެކެމެވެ.
އިހައްދުވަހު ސްރީލަންކާގައި ހިނގާދިޔަ ޓެރަރިސްޓް ހަމަލާއަށް ބަލާލަމާ ހިންގަވާށެވެ. މި ހަމަލާއާއި ގުޅިގެން މީޑިއާ ރިޕޯރޓުތަށް ބުނާގޮތުން ސްރީލަންކާގެ ދިފާއީބާރުގެ އިންޓެލިޖެންސަށް އިންޑިއާއިން މިކަމުގެ މައުލޫމާތު ދީފައިވާކަމަށް ބުނެވެއެވެ. އަދި މިހާރު މި މައްސަލާގެ ތަހުގީގު ހިންގަމުންދާވަރަކަށް ކޮނުނީމަ ފަސްގިނަވާ އުސޫލުން ސްރީލަންކާގެ ގައުމީ ދިފާއީބާރުގެ އިންޓެލިޖެންސް ” ބޮލާފޮށާ” އެޅެމުން ދާކަމަށް މީޑިއާރިޕޯރޓު ތަކުން ފާހަގަކުރެވެއެވެ. މިއީ މިކަންވެގެން ވާނެގޮތެއް ނޫނެވެ. ސްރީލަންކާ ޒަމާންވީ އަހުލީ ދިގު ހަގުރާމައެއް ނިންމާލިތާ އަދި މިވީ އެންމެ 10 އަހަރެވެ. އެކަމަކު މިވެރިންވެސް އެވަނީ ދުސްމަނުން ކޮއްފާނެ ކަމަކަށް ނުބަލާ ގާފިލުކަމުގެ ނިދިން ނިދާފަ ތިއްބާ އަނެއްކާ އެއައްވުރެ މާނުރައްކާތެރި ބޮނޑިއެއް އެވެރިން އެވަނީ މަތިމައްޗަށް ދީފައެވެ.
ސްރީލަންކާ ނޫނަސް ދިވެހިރާއްޖޭގައިވެސް މާޒީގައި ކަންހިނގާފައިވަނީ މިކަހަލަ ގޮތަކަށެވެ. ނޮވެމްބަރު 3 ގައި ތަމަޅައިންގެ ފަރާތުން ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައިވެސް ތަމަޅައިން ރާއްޖެއަށް ހަމަލާދޭން އުޅޭކަމުގެ މައުލޫމާތު ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރަށް ލިބިފައިވާ ކަމަށް އޭރުގެ ރައީސުލް ޖުމުހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބުދުލް ގައްޔޫމު އެއްބަސްވެ ލެއްވިއެވެ. މިކަމާއި ވިއްދާގެން ސަލާމަތާއި ރައްކަތެރިކަމަށް ދިވެހިސަރުކާރުން މާގިނަ މަސައްކަތްތަކެއް ނުކުރައްވާ ދުސްމަނާއަށް ނުވިސްނާ ގާފިލުކަމުގެ ނިދިން، ނިދުން ވެގެން ދިޔައީ ތަމަޅައިން ރާއްޖެއައުމަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ.
ދެން ދިމާވީ ރަމަޝާން މަހުގެ 16 ވަނަދުވަހު ބަދުރުހަނގުރާމަ ފާހަގަ ކުރުމުގެ ގޮތުން ކަމަށްބުނެ ހައްދުފަހަނަ އަޅާފައިވާ ދިވެއްސަކު ޓޫރިސްޓުންނަށް އަމާޒުކޮށް ސަލްޓަންޕާރކުގައި އެއްޗެއް ގޮއްވާލިތަނެވެ. މި ހަމަލާގައި އަޅުގަނޑު ސަލާމަތްވީވެސް ހަމަ ކިރިއާއެވެ. އެދުވަހު 3 ޓޫރިސްޓުން ގޮވައިގެން ސަލްޓަންޕާރކަށް ފުރަތަމަ ވަންމީހަކީ އަޅުގަނޑެވެ. އެހެން ނަމަވެސް އައިޑީގޮއްވާލީ އަޅުގަނޑާއި ޖެހިގެން ފަހަތުން ސަލްޓަންޕާކަށް ވަތް ޗައިނާ ޓޫރިސްތުންގެ ގުރޫޕަކަށް އަމާޒުކޮށެވެ. މި ހަމަލާއިން އަޅުގަނޑު ފާހަގަ ކުރާ އެއްކަމަކީ މި ހަމަލާ ދިނުމަށް އައިޑީ ( ހޯމްޑިވައިސް) ބާއްވާފައި އޮތީ ސިފައިންގެ ހުޅަނގު ދެކުނު ކަނުގައި ހަރުކޮށްފައިހުރީ ކެމެރާއަށް ހުރަހެއްނެތި ފޯކަސްވާގޮތަށެވެ. އަޅުގަނޑަށް ގަބޫލްކުރެވޭ ގޮތުގައި މިސަރަހައްދަކީ އަބަދުހެން ސިފައިން ބަލަމުން ގެންދާ ސަރަހައްދެކެވެ. މިހެން މިދެންނެވީ އަޅުގަނޑުމެން ގެންގުޅޭ ޓޫރިސްޓުންނަށް އޮޅިގެން ސިފައިންގެ މައިމަރުކަޒު ފޮޓޯ ނެގުނަސް ވަގުތުން އައިސް އެބޭފުޅުން ގެސްޓްމީހާ ގެންގުޅޭ ކެމެރާ ބެލުމަށްފަހު ފޮޓޯ ޑިލީޓް ކުރުވާނެއެވެ. މިހެން އޮތްކަމެއްގައި ސިފައިންގެ މައިމަރުކަޒުގެ ކެމެރާ ކުރިމަތީގައި ހިނގާދާއިރު ދެން އެކަމަށް އަޅާނުލާ ޒިންމާ ނުނަންގަވާ ފަރުވާ ކުޑަކުރީމަ ދެން ބުނާނެ އެއްޗެއް ބުނުމަށް ކިޔުންތެރިންނަށް އަޅުގަނޑު ދޫކޮށްލީއެވެ.
މި ލިޔެވިދިޔަ ސަބަބުތަށް އެހެން ހުރުމުންނާއި، އަވައްޓެރި ސްރީލަންކާގައި ހިންގާދިޔަ ބޮންގޮއްވުމުގެ ހާދިސާ ރާވާ ހިންގުމުގެ އަޑީގައިއޮތީ ކޮންކަމެއްކުރާ ކޮންބައެއްކަން ކަށަވަރު ކުރެވުނީތީވެ، އަހިވަކަކާއިޖެހި އަހިވަށް ފާވާނެކަން ގަބޫލްކޮށް އަހިވާތަށް ފިނިފެން މަލުގެ ގުލްޒާރަކަށް ބަދަލުކޮށްލުމަށް އަވަސް ފިޔަވަލުތަކެއް އެޅުމަށް ގައުމީ ސަލާމަތީބާރުތަކަށް ގޮވައިލަމެވެ.


