ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންނަށް ވެސް ބޮޑެތި އިނާޔަތްތަކެއް ދޭން ފާސްކުރަނީ
މަޖިލިސް މެމްބަރުކަން ކުރެއްވުމަށްފަހު މެމްބަރުކަން ގެއްލޭ ފަރާތްތަކަށް ބޮޑެތި އިނާޔާތްތަކެއް ދައުލަތުން ލިބެންޖެހޭގޮތަށް ބިލެއްފާސްކުރަން ހުށަހަޅާފައިވަނިކޮށް ހަމަ އެފަދަ ބޮޑެތި އިނާޔަތުތަކެއް ފަނޑިޔާރުކަން ކުރެއްވުމަށްފަހު މަގާމުން ވަކިވާ ކޮންމެ ބޭފުޅަކަށްވެސް ދައުލަތުގެ ފަރާތުން ލިބޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް މި އިސްލާހު ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު ރިޔާޒު ރަޝީދެވެ.
ރިޔާޒު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން ފަނޑިޔާރުގެ މަގާމުން ވަކިވާ ކޮންމެ ބޭފުޅަކަށާއި ފަނޑިޔާރުކަމުގެ މަގާމު ނިމުމަކަށް ގެނެވޭ އުއްތަމަފަނޑިޔާރަށް ވެސް ދައުލަތުގެ ފަރާތުން ހާއްސަ އިނާޔަތްތަކަކާއި އިމްތިޔާޒުތަކެއް ލިބިދޭން ޖެހޭނެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ރިޔާޒު ރަޝީދު ހުށަހެޅުއްވި ބިލްގެ ފުރަތަމަ ކިޔުން އިއްވުމަށް ވަނީ ތާވަލްކޮށްފަ އެވެ. މީގެ އިތުރުން މި ބިލުގެ އިބްތިދާއީ ބަހުސް ކުރުމުގެ ފުރުސަތު ދިނުމާއި، ބިލު ބަލައިގަތުމާ ގުޅޭ ގޮތުން ވޯޓަށް އެހުން ވެސް މިއަދުގެ ޖަލްސާގައި ތާވަލުކޮށްފައިވެ އެވެ.
ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންނަށް އިނާޔަތް ލިބޭ ގޮތަށް މަޖިލީހަށް ބިލެއް ހުށަހަޅާފައިވާއިރު، ދާދި ފަހުން ނައިބު ރައީސް ކަން ކުރެއްވި ބޭފުޅުންނަށް ވެސް އިނާޔަތްތަކެއް ދޭ ގޮތަށް ބިލެއް ހުށަހަޅައި މަޖިލީހުން ވަނީ އެ ބިލު ފާސްކޮށްފަ އެވެ.
ކުރީގެ ނައިބް ރައީސުންނަށް އިނާޔަތް ދިނުމުގެ ބިލަށް އަމަލު ކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބިލު ތަސްދީގު ކުރައްވައި ގާނޫނެއްގެ ގޮތުގައި ބިލު ގެޒެޓް ކުރުމުންނެވެ.


