ވާހަކަ

ކޮކާފޮނި (ފަހު ބައި)

ކުރީގެ އަދަދާއި ގުޅޭ

“އެ ކޮކާތައް އަހަރެންގެ ވަށައިގެން އެބުރެން ފެށުމުން އަވަހަށް ދުވެފައި އައިސް ގެޔަށް ވަދެ ދޮރުޖެހުމުން، ދެން ސަލާމަތްވީ…”. ރާޔާއަށް ރޭގައި ދިމާވި ކަންތަކުގެ ވާހަކަ ކިޔައިދެމުން ދިޔައީ އޭނާގެ އެކުވެރި ޒީނާއަށެވެ. އެދެ ކުދިން ވާހަކަ ދައްކަން ތިބީ ކުރިންވެސް އެކުދިން އާންމުކޮށް ތިބޭ ކުޅި ކައިރީގައި ހަދާފައިވާ ޖޯލިފަތީގައެވެ.

  “ދެން ތިކަމާ އަޅާނުލާ…. ވެދާނެ މާ ބިރުން ހުރީމަ ހީވި ގޮތެއް ކަމަށްވެސް….”. ޒީނާއަށް ހީވާ ގޮތް ހާމަކުރިއެވެ. އެކަމާ ރާޔާ މުޅިން ދެކޮޅެވެ. އޭނާ ބުނަނީ ކޮކާތައް އޭނާއަށް ފެނުން ކަމުގައެވެ. އަދި ފަހަތުން އަންނަ ތަންވެސް ފެނުނު ކަމުގައެވެ.

ގުޅުންހުރި ލިޔުންތައް

   މި ބަހުސްގައި އެދެ ކުދިން ތިއްބާ ކުއްލިއަކަށް އެހިސާބައް ކުދި ކުދި ކޮކާތަކެއް އުދުހެމުން އަންނާތީ ފެނުނެވެ. ހައިރާންކަމާއި އެކު ދެކުދިން ބަލަން ތިއްބާ އެކޮކާތައް އައިސް އެމީހުންނާއި ވަރަށް ކައިރިވިއެވެ. ހަމަ އެހިނދުކޮޅުގެ ތެރޭގައި އެކޮކާތައް އެއްބޮޑިއަކަށް ވެގެން ދިޔައެވެ. އެއަށްފަހު އެކުދިކުދި ކޮކާތައް ފެނުނީ އާދައިގެ ލޭކޮކާލެއްގެ ގޮތުގައެވެ. އެވަގުތު ދެކުދިން ވެސް ތިބީ ބިރުންގޮސް ފާޑަކަށް ގަނޑުވެފައެވެ. ބުނާނެ އެއްޗެއް ނޭނގިފައި އާށޯހުވެފައި އެ ލޭކޮކާލަށް ބަލަހައްޓައިގެން އެ މީހުންނަށް ތިބެވުނީއެވެ.

     ކުއްލިއަކަށް ފެނުނީ އެ ލޭކޮކާ ކުޅީގެ ފެންގަނޑުގެ ތެރެއަށް ވެއްޓުނުތަނެވެ. ވެދާނެއެވެ. އެ ކޮކާ ވަރުބަލިވީކަމުގައެވެ. އެމީހުން އެ ކޮކާ ވެއްޓުނު ދިމާލަށް ބަލަން ތިއްބެވެ. އެކަމަކު މިހާރު ކޮކާ ފެންނާކަށް ނެތެވެ.

      ކުޑަ އިރުކޮޅެއް ފަހުން އެދިމާލުން ރަތް ފިނިފެންމާތަކެއް ބާރު އޮއިވަރަކާއި އެކު އަންތަން ފެނުނެވެ. އެއާއި އެކު ފެނުނީ އެ ފިނިފެންމާތަކުން ލޭ އޮހޮރެމުން ދާތަނެވެ….  އެލެއިން މުޅި ކޯރުތެރެ ކިލަނބުވަމުން ދިޔައެވެ. އެމީހުން އަވަހަށް އެތަނުން ދާން މަސައްކަތް ކުރިއެވެ. ދެމީހުން އެކުއެކީގައި ކުރިމަތިން ފެންނަށް އޮތް މަގުން ދުއްވައިގަތެވެ. ދުވަމުން ދުވަމުން ގޮސް ޒީނާ ވަރުބަލިވެގެން މަޑުކުރިއެވެ… އެހެނަސް ރާޔާ ފަހަތައް ނުބަލާ ދުވަމުން ދިޔައީ ކުރިއަށެވެ. އޭނާ އެމަގުން ދުވަމުން ގޮސް ގޯޅިއަޅާލައިފިއެވެ.

       އެހިސާބުން ދެމީހުން ދެމީހުންނަށް ގެއްލިއްޖެއެވެ. ރާޔާއަށް ދެވޭ ނުދެވޭ ދިމައެއް ނޭނގެއެވެ. ހާސްވެފައި ހުރިވަރުން އޭނާ ވަރުބަލި ވެއްޖެއެވެ. ކުޑައިރުކޮޅަކުން އެނާ ދުވުން މަޑުވެއްޖެއެވެ. އޭނާ ފަސްއެބުރި ބަލައިލިއެވެ. އޭރު ޒީނާ ފެންނާކަށް ނެތެވެ. އެހެންވެ މާ ބޮޑަށްވެސް ހާސްވެއްޖެއެވެ.

         މި ހާސްކަމުގެ ތެރޭގައި ހުއްޓާ އިރުގެ އަލިކަން ފަނޑުވަމުންގޮސް މުޅި ހިސާބަށް އަނދިރިކަން ވެރިވާން ފެށިއެވެ. ހިސާބަކީ ގިނައިން ގަސް ހެދި ވައު ބޯ ވެފައިވާ ހިސާބެއް ކަމުން، އަނދިރިކަން އިތުވަމުން ދިޔައީ އެމީހުންގެ ހާސްވެފައިވާ ހިތުގެ ވިންދު ޖަހާހައި އަވަހަށެވެ. ރާޔާއަށް ބާރަށް ރޮވެން ފެށިއެވެ. އޭރު އޭނަ ހުރީ ބޮޑު ނިކަގަހެއްގެ ކައިރީގައި މަޑުކޮށްލައިގެންނެވެ. އަނދިރިކަމުން އޭނައަށް އެއްވެސް ތަނެއް ނުފެނުމުން، އެގަސް ކައިރީގައި މަޑުކުރަން މަޖުބޫރުވީއެވެ.

     ގަސްތައް ގިނަ ވަލުތެރެއިން ދުވަމުން ދުވަމުން ޒީނާއަށް  މީހުން އުޅޭ ހިސާބަށް ދެވުނީ އިޝާ ނަމާދަށް ގޮވަނި ކޮށެވެ. އޭރު އޭނައަށް ވަނީ ހަމަ ރަނގަޅަށްވެސް މާނޭވާ ލެވި ހާސްކަމުގެ އިންތިހާއަށް ގޮސްފައެވެ. އޭނާ ފުރަތަމަވެސް ބެލީ ރާޔާގެ އާއިލާއަށް އެކަން ވީގޮތް ކިޔައިދޭށެވެ. އެ ޙަބަރާއި އެކު މުޅި އާއިލާގެ އެންމެން ކަހަލަ ގޮތަކަށް އަވަސްވެ ގަތީ ރާޔާ ހޯދަން އެތަނަށް ދިއުމަށެވެ. ރަށުގެ ބޮޑުންނާއި އަދިވެސް ހެޔޮއެދޭ ވަރަށް ގިނަ ފަރާތް ތަކެއް ރާޔާ ފެނޭތޯ މަސައްކަތް ފެށިއެވެ…

        އެހެނަސް ވަގުތަކީ ރޭގަނޑުގެ ކަނުއަނދިރިކަން ފެތުފިފައިވާ ވަގުތުކަމުން އެ މަސައްކަތް ފުރިހަމަ ވާގޮތެއް ނުވިއެވެ. ހުރިހާ  މީހުންވެސް ކަރު އެލުވާލުމަށްފަހު ގެޔަށް އައީ މެންދަންވެ ބޮޑުވި ފަހުންނެވެ. އޭރު މުޅި ރަށުގެ އެތައް މިތަން ބަލާ ނިމިއްޖެއެވެ. އެހެންނަމަވެސް ރާޔާގެ ކުޑަވެސް ހިލަމެއް ކީއްކުރަން އޭނާ އަރައިގެން އުޅުނު ފައިވާނުގެ ވަދުވެސް އެއިން ހިސާބަކުން ނުފެނުނެވެ.

     ހަފްތާއެއް ފާއިތުވެގެން ދިޔައިރުވެސް އެ އާއިލާގެ މީހުން ރާޔާ ހޯދަން އެތައް މަސައްކަތެއް ކުރަމުން ދިޔައެވެ. އެހެނަސް އޭނާގެ އެއްވެސް ނިޝާނެއް އެމީހުންނަށް ފެނިފައެއް ނުވެއެވެ. ހަމައެކަނި ރާޔާގެ އަޑުން ޒީނާއަށް ގޮވާ އަޑު ފިޔަވައި އެހެންއެއްވެސް އިސާރަތެއް ޒީނާއަށްވެސް މިއިން ދުވަހަކު ނުވެއެވެ. ޒީނާގެ މަންމަ ބުނަނީ ” އޭނާ މިހާރު އެކަނި ހުރެ ކޮންމެވެސް މީހަކާއި ވާހަކަ ދައްކާ ކަމަށެވެ”….

        އެކަމުގެ ޙަގީގަތް އެކަކަށްވެސް އަދި ހާމައެއް ނުވެއެވެ. ބިރުވެރި އަޑުތަކާއި ހަޅޭކުގެ އަޑު ބައެއް ފަހަރު ޒީނާގެ ގެއިން އިވެމުން ދިޔައީ އެމީހުންގެ އާއިލާއަށްވެސް ކުރިމަތިވަމުން ދިޔަ އިންތިހާ ދަރަޖައިގެ ނާމާންކަމަކަށެވެ. ކުއްލި ކުއްލިއަށް އިވޭ ވޭނީ  އަޑުތައް އިވުމުން ގޭތެރެއަށް ފެތުރިގެންދާ ބިރުވެރިކަމާއި ނާމާންކަން އިތުރުވެގެންދެއެވެ. އެހެނަސް އެ ހަޤީގަތްވަނީ އަދިވެސް ސިއްރެއްގެ ގޮތުގައި އެންމެނަނަށް ވަންހަނާ ވެފައެވެ. ނަމަވެސް އެ ގޭތެރޭއިންނާއި ގޯތި ތެރެއިން ރާޔާގެ ނިޝާންކަމުގައިވާ އެކި ކުލަކުލައިގެ ލޭކޮކާލާއި ކޮކާފަނިތައް އެ ހިސާބުން ފިލާނުދެއެވެ. އެކަމުގެ ހަޤީޤަތް ހާމަކޮށްދޭން އެ ތަކެތި މަސައްކަތް ކުރާ ކަހަލައެވެ. ( ނިމުނީ )

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close