ވާހަކަ

ސިހުން

16 + އަހަރުން މަތި

    އޮއްސެންދިޔަ އިރާއެކުގައި އުޑުމަތީގައި ރަސްކަން ކުރަމުންދިޔައީ، ރަތްރީނދޫ ކުލައާއި އޮރެންޖުކުލައިގެ ރިނބަންތަކެއް ފަދައިން އުދަރެސްމަތީގައި އަތުރާލެވިފައިވާ ވިލާތަކެވެ. ރަންދޯދިތަކާއި އެކު މި ހިތްގައިމު ދިހުން ކުލަވަރު ދުނިޔޭގެ އަނދިރިކަމުގެ ފަރުދާއަށް ކަސްފުވަމުން ދިޔަ، ކަޅުފުސްވިލާ ރޮދިތަކާއި އެއްވަމުންދެއެވެ. ވައިރޯޅިތައް ވަނީ ރޭނގަޑުގެ ހަމަހިމޭންކަމަށް ތަންދިނުމުގެ ގޮތުން މާކުރިން ހަމަހިމޭންވެފައެވެ. ކަނޑުގެ ރާޅުތައްވެސް މޫސުމުގެ ރީތިކަމުގައި ބައިވެރިވާފަދައެވެ. އުދަރެސްމަތީގައި ވާ ކޮންމެ ވިލާރޮއްޖަކަށް އޭގެ ރައްދުހިޔަނި ވަނީ ކަނޑުގެ ހިމޭން ނަލަ ސާލުގައި ބޯއަޅައިލައިގެންނެވެ. މިއީ ޤުދުރަތުގެ ފުރިހަމަކަމުގެ ލާމަސީލެއް ނެތްފަދަ މަންޒަރެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. މި ހަމަހިމޭން ތަސްވީރަށް އިތުރު ދިރުމެއް ގެނެސްދެނީ ދުވާލުގެ އަވިބާރު ހަލަބޮލި ދަތުރުތަކަށްފަހު، އަރާމު ނިންޖަކުން ނިދާފައިވާ ކަހަލަ ގޮތަކަށް އެހިސާބުގައި ދުރުދުރުން ފެންނަން އޮތް އެކި ސައިޒުގެ ތަފާތު އޮޑިދޯނިފަހަރުތަކެވެ.

     އިރުއޮއްސެން މަދު ސިކުންތުކޮޅަކަށް ވެފައިވަނިކޮށް މާއީ މޫދާއި ކައިރިވެލިއެވެ. އަދި ލަސްފިޔަވަޅުތަކާއިއެކު ލޮނުގަނޑު ތެރެއިން ހިނގާފައި ދިޔައެވެ. އޭރު އޭނާހުރީ ރަތް ކުލައިގެ ކުރުހެދުމެއް ލައިގެންނެވެ. އެއްވެސް ހިޔާލެއް ފިކުރެއް ނެތި މިފަދަ ވަގުތެއްގައި އަންހެންކުއްޖަކު އެކަނި މިތަނުގައި ކީއްކުރަނީ ބާއެވެ؟ މިއީ ހަމަހިމޭން ވަގުތެއް ކަމުގައި ވިޔަސް މިވަގުތަކީ ނާމާން ވަގުތެކޭވެސް މީހުން ކިޔާއުޅެއެވެ. އާއެކެވެ. މިހާރު އިރުއޮއްސި ބަންގިގޮވައިފިއެވެ. އެހެންވީމާ މިއީ މިހާރު ދެނަމާދު ދޭތެރެ ވަގުތެވެ. ޝައިޠާނުންތައް ދުނިޔެމައްޗަށް ފެތުރިގަންނަ ވަގުތޭ މާއީގެ ބައްޕަ ބުނެއެވެ.

     އެހެނަސް އެކުވެރި ކުދިންގެ ބަހަށް ހެއްލިގެން މާއީ ވެސް އެހުރީ އެމީހުންގެ އައިފޯނުން ނަގާ ސަޅިފޮޓޯތަކަށް މަސްތުވެފައެވެ.  މާއީ އެހުރީ ފޮޓޯ ސޫޓަކަށް ތައްޔާރުވެގެންނެވެ. އޭނާގެ ފަހަތުގައި އަދި ދެތިން ކުދިން ލައިގެން ހަދައިގެން މާއީ ގެ ފޮޓޯތައް ނަގާ ނިމޭނެ އިރަކަށް މަޑުކޮށްލައިގެން އެބަތިއްބެއެވެ.

“މާއީ ދެން އޯކޭ”  ފަހަތުގައި ހުރި ލޫތު ގޮވައިލިއެވެ.  ރިފޫއަށް ފުރުޞަތު ދިނުމުގެ ގޮތުން މާއި އެއް ފަރާތަކަށް ޖެހިލިއެވެ. އެވަގުތު އޭނާގެ ފައިގައި ކޮންމެވެސް ތޫނު އެއްޗެއް ޖެހުނު ހެން ހީވިއެވެ. މާއީއަށް ވީ ތަދުން އަވަސް އަވަހަށް އެއްގަމަށް އެރިއެވެ. އޭރު އޭނާގެ ފައި އޮތީ ކަފައިގެން ގޮސް ލޭ ހިލިފައެވެ. ” ފޮޓޯ ނެގުން ކަމަށް ހަދާފަ ދެން ގެއަށް ދަމާ ހިނގާ” ލޫތު މާއީގެ ފައިން ލޭ އަންނަތަން ފެނުމުން ކައިރިއަށް ޖެހިލިއެވެ.

“ވަރަށް ބޮޑަށްތަ ހަލާކު ވީ؟ ރިފޫ ހާސްވިއެވެ. އޭރު މާއީ ވަނީ ހަލާކުވިތަނުގައި އަތް އަޅައިގެންނެވެ. އޭނާގެ އަތުގެ އިނގިލިތަކުގެ ތެރެއިން ގަދަ ރަތް ލޭ ކޮންމެވެސް ވަރަކަށް ފޭދިފައި ހުއްޓެވެ. ލޫތު އެހިސާބުން ބައު ފޮތިގަނޑެއް ހޯދިއެވެ. އަދި ލޭމަނާ ކޮށްލުމަށް މާއީގެ ފައިގާ ބަނެވެ. މާއީއަށް ހިނގަން އުނދަގޫވިއެވެ. ތަދުވާތީއެވެ.

“ލޫތު. ދޭބަ މާއި ގެއަށް ވައްޓާލަ ދޭން.” ރިފޫ މާއީ ތެދުކުރަމުން ލޫތުގެ ސައިކަލަށް އިޝާރާތް ކޮށްލިއެވެ. “ދެން ތިމީހުން ކިހިނެތް ހަދަނީ؟” ލޫތު ސައިކަލަށް އެރިއެވެ. ” އަހަރެމެން ދާނީ ހިނގާލާފަ ދޯ ނާޖީ” ކައިރީގައި ނަލަހެދިލައިގެން ހުރީ ނާޖީއަށް ރިފޫ ދޯ ދިނެވެ. ރިފޫއަކީ ނާޖީގެ ކޮއްކޮއެވެ. އެމީހުންގެ ގެ ހުންނަނީ އަތިރިމައްޗާއި ކައިރި ހިސާބެއްގައެވެ. އެހެންކަމުން ރޭގަނޑުގެ ވަގުތުތަކުގައި ވެސް އެހިސާބުގައި އުޅެން މިހާރު އެމީހުން ވަނީ ފަރިތަވެފައެވެ. ޝައްކެއްނެތެވެ. ޝާއިޤާއަކީ ދަރިން ބެލުމުގައި މާ ހަރުކަށި މީހެއް ނޫން ކަމުން، ކުޑައިރުން ފެށިގެން އޭނާގެ ދަރިން އުޅެނީ ނުލާހިކު މިނިވަންކޮށެވެ. ލޫތަކީ އެމީހުންނާއި އެކު އެއްކުލާހެއްގައި ކިޔަވާ ކުއްޖެކެވެ. އެ ހަތަރު ކުދިންނަކީ ހަތަރު މިތުރުންނެވެ. ސްކޫލުގެ ވަގުތުތައް ނިންމާލުމަށް ފަހުވެސް އެކުދިން ވަކިވާތަނެއް ނުފެނެއެވެ. ބައެއް ފަހަރު މަންމަމެންނާއި ފިލައިގެންވެސް މާއީ ގުރޫޕް ހަދާފައި މީހުން ނޫޅޭ ހިސާބުތަކަށް ދެއެވެ. ފޮޓޯ ނަގާ މަޖާކޮށް ހެދުމަށެވެ.

އެއީވެސް އެފަދައިން މީހުން ނުޅޭ ހިސާބަކަށް ދިޔަ ދުވަހެކެވެ. ނާޖީ އާއި ރިފޫ ހުރީ ވަރަށް ނަލަހެދިލައިގެންނެވެ. މާއީ އަދި ވަކިން ޗާލުހެން ހީވެއެވެ. މި ތިން ކުދިންގެ ތެރެއިން ލޫތު އެންމެ ގަޔާވަނީ މާއީ ދެކެވެ. އެކަމަކު އެކަން އަދި އޭނާ ވަނީ ސިއްރުކޮށްފައެވެ. ބަދަހިވަމުންދާ އެކުވެރިކަމަށްޓަކައި ކަމަށްވެސް ވެދާނެއެވެ. ކޮންމެއަކަސް ދުރުން ތިން ކުދިން ފެންނައިރު ހީވަނީ މާބަގީޗާއަކުން މީހަކު ވަރަށް ބަލައިގެން ބިނދެފައިވާ ފަރި ތިން ފިނިފެންމާހެންނެވެ.

ފެހިކުލައިގެ ދޫލައެއްހެން ވަށައިގެން ގަސް ހެދި ބޯވެފައިވާ ވަލުތެރޭގައި ހުރި ބިޔަ ނިކަގަހެއްގެ ކައިރީ ތިން ކުދިން މަޑުކޮށްލުމަށް ލޫތު އަތުން އިޝާރާތް ކޮށްލިއެވެ. ކެމެރާގެ ލެންސު ތިން ކުދިންނަށް އަމާޒުކޮށްލި ހިނދު އޭނާގެ ލޮލުގައި އާދަޔާ ޚިޔާފު ކަމެއް އަޅައިގަތެވެ. މާއީ ލައިގެން ހުރި ހުދުކުލައިގެ ހެދުން މަޑުމަޑުން ރަތްކުލައަށް ބަދަލް ވަނީއެވެ. އާއެކެވެ. ލޫތަށް ހީވާ ހީވުން ބަދަލުކޮށްލުމަށް އިތުރަށް ކެމެރާ ޒޫމްކޮށްލިއެވެ. މިހާރު ހީވަނީ ލެއިން ތެމިފޯވެފައިވާ ހެދުމެއް ލައިގެން މާއީ ހުރިހެންނެވެ. ލޫތަށް ކުއްލި ސިހުމެއް ގެނައި އޭނާގެ ކޮނޑުގައި މީހަކު އަތްލި ހެން ހީވުމުންނެވެ. ހަމަ އެހިނދުކޮޅުގެ ތެރޭގައި އޭނާގެ ކަތްފަތުގައި ޖެހުނު ބަރު އަޑުންނެވެ. “މާއީ” އޭ ކިޔާ ގޮވާލިއަޑެވެ. ލޫތު ކުޑަކޮށް ބިރުން ހުރެ ވަށައިގެން ހޯދާލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މާއީގެ ހެދުންވެސް ހުރީ އިހު ހުރި ގޮތަށެވެ. ލޭގެ އެއްވެސް ކުލައެއް ނެތެވެ.

އޭރުވެސް އެ ތިން ކުދިން ނިކަ ގަސްދޮށުގައި އެކި ގޮތް ގޮތަށް ހުއްޓެމުން ލޫތުގެ އިޝާރާތަކަށް ބަލަބަލަ ތިއްބެވެ. ލޫތު ކުޑަކޮށް އެކުދިންނާއި ކައިރިވެލިއެވެ. “މާއީ… މިއަދު ދެން ނިންމާލަން ހިނގާ.” ލޫތު ގެއަށް ދާން ބޭނުންވިއެވެ. އޭނާ ހުރީ ކަން ވީގޮތް ކިޔައިދޭން ޖެހިލުންވެފައެވެ. ވެދާނެއެވެ. އެމީހުންނަށް އެ ވާހަކަ ކިޔައިދީފިނަމަ އެކަމަށް ޖޯކު ޖަހާނެތީއެވެ. ނޫނީ ލޫތު އިތުރަށް ބިރުގަންނަ ކަހަލަ ސަމާސާއެއްވެސް ކޮށްފާނެތީއެވެ. އެއީ މާ ބިރުކުޑަ ތިން ކުދިންނެވެ. އެހެނަސް ލޫތަށް ފެނުނު މަންޒަރާއި އިވުނުއަޑު އެއީ ހީވި ގޮތެއް ނޫނެވެ. އެމަންޒަރު އޭނާ ވަނީ ކެމެރާގައި ރައްކާކޮށްފައެވެ. އަމާން ހިސާބަކަށް ދެވުމުން ބަލާލުމުގެ ބޭނުމުގައި ކެމެރާ ދަބަހަށް ލިއެވެ.

” ދެން އެއްކަލަ ލޫތު ގަނޑު. މިހާރު ކެމެރާ ދަބަހަށް ލިއްޔޯ؟ ” ރިފޫ ޝަކުވާ ކުރިއެވެ. އޭރުވެސް ލޫތަށް އެހިސީބުން ނާމާންކަމެއް ފާޅުވާން އުޅޭކަމުގެ އަލާމާތް ފެންނަ ހެން ހީވެއެވެ. ދެތެރެ ދޭތެރެއިން އިވޭ ކާޅު ގޮވުން މިހާރު އިވެނީ ބޮޑު ކާޅުގެ ލަޝްކަރެއް އެހިސާބަށް ހަގުރާމައަށް އައިސް އުޅޭ ހެންނެވެ. ” ހާދަ ކާޅު ގޮވައޭ އެބަ”  ނާޖީ އެމީހުންގެ ބޯ މަތީގައި އެނބުރެމުން ދާ ކާޅުތަކަށް ބަލަހައްޓައިގެން ހުރެ ބުންޏެވެ.  ކާޅު ގޮވުން އިތުރުވުމުން ލޫތަށް ލިބިފައިވާ ނުތަވަސްކަން ދެގުނައަށް ބޮޑުވި ކަހަލައެވެ.

“އަޅެ ހާދަ އަވަހަކަށޭ ދާން ތި އުޅެނީ. ދެންމެ އެއްނޫންތަ އައީ. އަދި އެންމެ ތާކު ފޮޓޯނެގުނީވެސް.” މާއީ ހިތްހަމަނުޖެހުން ފާޅުކުރިއެވެ. މާއީގެ މަންމަ އޭނާއަށް ހުއްދަ ދިނީވެސް ވަރަކަށް ކިޔައިގެންނެވެ. ރިފޫމެންނާއިއެކު ޕިކުނިކެއް ހަދާށޭ ކިޔާ ބަހަނާ ދެއްކުމުންނެވެ. އޭނާ ވަނީ ފޮޓޯ ނެގުމަށް ހަމަރަނގަޅަށްވެސް ދެވިހިފާފައެވެ. ތެދެކެވެ. ކޮންމެ ފަދަ ދޮގެއް މަންމަކައިރީ ހަދައިގެންވެސް މާއީގެ މަޤްސަދު ހާސިލްކުރަން އޭނާ ބޭނުންވެއެވެ. އެހެނަސް މިއަދު އެމީހުންނާއި ކުރިމަތިލާން އެއުޅޭ ނުރައްކާތެރި ކަމަކީ ކޮންކަހަލަ ބިރުވެރި ކަމެއް ކަން އެނގޭނަމަ އެވަރަކުން އެހިސާބަކަށް ނާންނާނެކަން ޔަޤީނެވެ.

“މަ މި ބުނީނު ދެން މިއަދަށް ނިމުނީއޭ.. މަ ބޭނުން ގެއަށް ދާން.” ލޫތުގެ މޫނުން ނުރުހުމުގެ ކުލަވަރު ދައްކާލުމުން ތިން ކުދިން އެއްފަހަރާ އޯކޭ އޭ ބުނެ އެތަނުން ދިއުމަށް ހިނގައިގަތެވެ. އެމީހުން އެތަނަށް އައި މަގުން ހިނގަންފެށިއެވެ. ވަކި ހިސާބަކަށް ދެވުނުތަނާ އަނެއްކާވެސް އާދެވުނީ ހަމަ ކުރިން ތިބި ތަނަށެވެ. ވާ ބޯކަމުން އެމީހުންނަށް މަގު އޮޅުނީ ކަމަށް ހީވިއެވެ. ދެވަނަ ފަހަރުވެސް ކަންތައްވީ ހަމަ އެހެންނެވެ.

އުޑުމަތި ބަނަކޮށްލީ ހަމަ ކުއްލިއަކަށެވެ. ވިދާލުމާއެކު ބާރު ގުގުރިއެއްވެސް ޖެހިއެވެ. އިރުކޮޅަކުން ހިމަފޮދު ވާރޭ ވެހެން ފެށިއެވެ. މި ނާމާންކަމުގެ ވަގުތުގައި  ވާރޭ ވީ  އެމީހުންނަށް ލިބުނު އިތުރު ތަކުލީފަކަށެވެ. އެމީހުނަން ވަނީ މަގު އޮޅިފައެވެ. ނޫނެކެވެ. އެއީ ކޮންމެވެސް ނުރައްކާތެރި ކަމެކެވެ. ޖިންނިއެއްގެ ކަމެއް ބާއެވެ. ހުރިހާ ކުދިން ހިތްބިރުގަންނަގޮތް ވީ ދެނެވެ. “ކީއްވެތަ އަބަދު މިތަނަށް މި އާދެވެނީ؟ އަހަރެމެންނަށް މިތަނުން ނުނިކުމެވިގެން މިއުޅެނީ ކީއްވެތަ؟ ނާޖީ ހާސްވެ ސުވާލު ގިނަ ވާގޮތްވިއެވެ. “މަ ކުރިން ދާން ބުނީ މިކަހަލަ ކަމެއް ވެދާނެތީ”. ލޫތު އޭނާއަށް ފެނުނު ކަންތަކުގެ ވާހަކަ ސިއްރުކުރާކަށް ބޭނުމެއް ނުވިއެވެ. ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ޤަބޫލުކުރަން ބޭނުން ނުވިޔަސް މި ދިމާވާ ކަންތަކުން ލޫތުގެ ވާހަކަގައި ކޮންމެވެސް ހަޤީޤަތެއް ވާކަމަށް ތިން ކުދިންނަށް ކަށަވަރުވިއެވެ.

މިހާރު ހަތަރުމީހުން ހިނގަހިނގާ ވަރުބަލިވެއްޖެއެވެ. އެ ވާ ބޯ ވަލުތެރެއިން ނިކުމެވޭ ގޮތެއް ނުފެނެއެވެ. ފެންނަން ހުންނަނީ ވަރަށް ގިނަ މަގުތަކެވެ. ކޮންމެ މަގަކުން ނިކުންނަން ދިޔަކަމުގައި ވިޔަސް އާދެވެނީ ހަމަ އެއްކަލަ ބިޔަ ނިކަގަހުގެ ކައިރިއަށެވެ. ކުއްލިއަކަށް (ނުނިމޭ)

އަންނަ ހަފްތާއަށް އިންތިޒާރުކޮށްލައްވާ!

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close