ޚަބަރު

މަޖިލިސް ތެރެއިންވެސް ގާސިމް ދައްކުވައިދީފައިވަނީ ނަމޫނާއެއް – ނައިބުރައީސް

ވޭތުވެދިޔަ ތާނގައި ރައްޔިތުންގެ ހައްގުގައި މަޖިލިސް ތެރެއިންވެސް ގާސިމް ދައްކުވައިދީފައިވަނީ ސިޔާސީ އެހެން ބޭފުޅުންނަށް ނަމޫނާއެއް ކަމަށާއި، ގާނޫނުއަސާސީ އިސްލާހު ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރެއްވި މަސައްކަތް ފާހަގަ ކޮށްލެވޭ ކަމަށް ނައިބްރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖޭޕީގެ ފަރާތުން އދ މާމިނގިލި ދާއިރާއަށް ވާދަކުރައްވާ އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކެންޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބްރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ ކަރާމާތްތެރި، ރައްޔިތުންގެ އިތުބާރާއި ލޯބި ލިބިގެންވާ ތަނަކަށް ހެދުމަށްޓަކައި ގާސިމް އިބްރާހިމް ފަދަ ތެދުވެރި ވަފާތެރި ބޭފުޅުން ރައްޔިތުންގެ މަޖިލީހަށް ހޮވަންޖެހޭކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ ދިވެހި ރައްޔިތުން ހެޔޮބަދަލާއި އިންސާފު ބޭނުންވާ ކަމަށެވެ. އަދި ގާސިމް އިބްރާހިމަކީ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމަށް ފަސްޖެހޭނެ ބޭފުޅެއް ނޫންކަން ވޭތުވެދިޔަ މާޒީގައި ދިވެހި ރައްޔިތުންނަށް ވަރަށް ރަގަޅަށް އެނގިގެންދާނެ ކަމަށެވެ.

“އަޅުގަނޑުގެ ނަސޭހަތަކީ ތެދުވެރި އަމާނާތްތެރި ގާސި،މް އިބްރާހިމް ފަދަ ބޭފުޅުން ރައްޔިތުންގެ މަޖިލީހަށް ހޮވަން އެބަޖެހޭ، ނަޒާހަތްތެރި ބޭފުޅުން ހޮވަން އެބަ ޖެހޭ. އަޅުގަނޑުމެން ކުރާ މަސައްކަތުގައި މިކަމާއި ދޭތެރޭ ވިސްނަން އެބަޖެހޭ. ދިވެހިރާއްޖޭގެ ރައްޔިތުންނަށް ލިބުނު ފުރުސަތުގެ ބޭނުން ހިފާފައިވަނީ އެންމެ ރަނގަޅަށްކަން އަޅުގަޑުމެން ގަބޫލުކުރަން އެބަޖެހޭ. މިއީ ގައުމީ ޒިންމާއެއްކަން މިއަދު ދެކިގެން މިއަދު ކުރާކަމަކުން މާދަމާ ހިތާމަކުރަން ނުޖެހޭގޮތަށް އަޅުގަޑުމެންގެ ނިންމުންތައް ނިންމަން އެބަ ޖެހޭ.” ނައިބު ރައީސް ވިދާޅުވިއެވެ.

ރައްޔިތުންނާއި ގައުމުގެ ހައްގުގައި އަމިއްލަ ނަފްސަށް ފަރުވާލެއްނެތި އެންމެ ބޮޑު ގުރުބާނީއެއްވި ސިޔާސީ ލީޑަރަކީ ގާސިމް އިބްރާހިމް ކަމަށްވެސް ނާއިބް ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ މިސަރުކާރުން ވަކިރަށެއް ތަފާތު ކުރުމެއްނެތި މަޝްރޫއުތައް ކުރިޔަށް ގެންދާނެ ކަމަށާއި، އަދި ތައުލީމީ ނިޒާމު ހަރުދަނާކޮށް މިއަދުގެ ޅަދަރިން މުސްތަގްބަލުގައި ބޭނުންތެރި ބަަޔަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close