ޚަބަރު

ދިވެހި ނޫސްވެރިންނަކީ ހިތްވަރު ގަދަ ބައެއް – ނައިބުރައީސް

ދިވެހި ނޫސްވެރިންނަކީ ހިތްވަރު ގަދަ ބައެއްކަމަށާއި، ފާއިތުވި ދުވަސްތަކުގައި ދިވެހި ނޫސްވެރިން ސާބިތުކަމާއެކު ކޮށްފައިވާ މަސައްކަތަކީ ޤައުމީ ޚިދުމަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ވިދާޅުވީ ވަރަށް ބިރުވެރި ދުވަސްތަކެއްގައިވެސް ޖެހިލުންވުމެއްނެތި ސާބިތުކަމާއެކު ނޫސްވެރިން ކުރި މަސައްކަތުން ޤައުމަށް ބޮޑެތި އިންޤިލާބީ ބަދަލުތަކެއް އައިސްފައިވާކަމަށެވެ.

އަދި އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮތުން ހޭލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ނޫސްވެރިންކުރީ ބުރަ މަސައްކަތެއްކަމަށެވެ. އަދި އެއީ ޤައުމީ ޚިދުމަތެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ނައިބު ރައިސް ވިދާޅުވީ ފާއިތުވި އެއްވެސް އަހަރެއްގައި ލިބިފައިނުވާ މިނިވަންކަން މިހާރު ނޫސްވެރިންނަށް ލިބިފައިވާކަމަށާއި އެހެންކަމުން ނޫސްވެރިންގެ ޒިންމާވެސް ބޮޑުވެފައިވާކަމަށެވެ. އަދި ލިބިފައި އޮތް މިނިވަންކަމުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ނާއިބް ރައީސް ވަނީ ނޫސްވެރިންނަށް އިލްތިމާކުރައްވާފައެވެ.

ނާއިބް ރައީސްގެ ވާހަކަފުޅުގައި ވަނީ ދުނިޔޭގެ ޤައުމުތަކުން މިހާރު ރާއްޖެއާއި ދޭތެރޭ ދެކޭގޮތް ބަދަލުވެފައިވަނީ ނޫސްވެރިންގެ މަސައްކަތުންކަން ފާހަގަ ކުރައްވާފައެވެ. އަދި ޤައުމުގެ ކަންކަން އިސްލާޙުކުރުމުގައި ނޫސްވެރިންގެ ދައުރު އިތުރަށް ފުޅާކުރުމަށްވެސް އެމަނިކުފާނުވަނީ ގޮވާލައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close