ރާއްޖޭގެ އެއާޕޯޓުތައް ހިންގާނީ ދިވެހި ކުންފުނިތަކުން ދިވެހިން: ވަޒީރު އަމީން

ވަޒީރު މިހެން ވިދާޅުވީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމަށް އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރަން ރާއްޖޭން އެދިފައިވާ ކަމަށް ބޭރުގެ ނޫހަކުން ފެތުރި ޚަބަރުތަކާ ގުޅިގެން، އެކަން ދޮގުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރަސްމީކޮށް ހުޅުވި ހަނިމާދޫ އެއާޕޯޓަކީ ބޮޑެތި ފްލައިޓްތަކަށް ޚިދުމަތް ދެވޭގޮތަށް، 2465 މީޓަރުގެ ރަންވޭއަކާއި އައު ޓާމިނަލަކާއެކު ތަރައްޤީކޮށްފައިވާ ތަނެކެވެ. މި އެއާޕޯޓު ތަރައްޤީކޮށް ނިމުމުން، މިދިޔަ ޑިސެމްބަރު މަހު ފުރަތަމަ ކޮމާޝަލް ޖެޓް ވަނީ ޖައްސާފައެވެ. ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ އެއާޕޯޓުތައް ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދަދީފައިވާ ދިވެހި ކުންފުނިތަކުން ހިންގުން ކަމަށް ވަޒީރު ވަނީ ތަކުރާރުކޮށް ޔަގީންކޮށްދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި، ހަނިމާދޫ އެއާޕޯޓަކީ އުތުރުގެ އިޤްތިޞާދީ ކުރިއެރުމާ ގުޅިފައިވާ މުހިއްމު މަޝްރޫޢެކެވެ. މި އެއާޕޯޓުގެ ސަބަބުން ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމުގެ އިތުރުން އިޖުތިމާޢީ ދާއިރާއިން ވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ. ސަރުކާރުން ބޭނުންވަނީ މިފަދަ މުހިއްމު ވަސީލަތްތައް ދިވެހިންގެ ބެލުމުގެ ދަށުން ހިންގައި، ގައުމީ އިގްތިސާދަށް އޭގެ ފައިދާ އެންމެ ފުރިހަމައަށް ހޯދުމަށް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.



