ދަނޑުވެރިކަން (ނަމޫނާ މަޒުމޫނެއް)
ޤުދުރަތީ ވަޞީލަތްތަކުގެ ތެރޭގައި ހިމެނޭ ބިމަކީ އޭގެ ބޭނުންކޮށްގެން އިންސާނުން ގިނަގުނަ ފައިދާތަކެއް ހޯދަމުން އަންނަ އެއް ވަޟީލަތެވެ. އެގޮތުން ދިވެހި ރާއްޖޭގައިވެސް ދަނޑުވެރިކަމަކީ ދިވެހިން އިހުޒަމާނުއްސުރެ ކައިބޮއެ އުޅުމަށް ކުރަމުން އައި މަސައްކަތެކެވެ. ރާއްޖޭގައި ގޯތިތެރެއާއި ބޮޑެތި ބިން ތަކުގެ އިތުރުން ފަޅު ރަށްރަށުގައިވެސް ދަނޑުވެރިކަން ކޮށް އުޅެއެވެ.
މަސައްކަތް ކުރުމަށް ބޭނުންވާ ސާމާނުގެ ތެރޭގައި އުދަލި ،ފެންދޭ ކުރާ ، ގަސްކާނާ ، ގަހަށް ޖަހާ ބޭސް އަދި ގަހަށް ބޭސް ޖަހާ ފުޅި ހިމެނެއެވެ. މި މުހިންމު މަސައްކަތް ކުރާގޮތަށް ބަލައިލާމާ ހިނގާށެވެ. އެގޮތުން ބިމުގައި ގަސް އިންދުމަށްޓަކައި ފުރަތަމަ ބިމުގައި ހުންނަ ވިނަ ގަސްތައް އުފުރާ، ބިމުގައި ފަސްގަނޑު ޖަހައެވެ. އެއަށް ފަހު ބިމުގެ ވެއްޔާ ގަސް ކާނާ އެއްކޮށް ރަނގަޅަށް ތައްޔާރު ކުރެއެވެ. ދެން ބިމުގައި ގަސް ނުވަތަ ގަހުގެ އޮށް އިންދައެވެ. އަދި ކޮންމެ ދުވަހަކުވެސް ގަސްތަކަށް ފެންދިނުމާއި، ގަސްތަކަށް ކާނާ އެޅުމަކީ މުހިންމު ކަމެކެވެ. އަދި ބަލިޖެހުމުން ގަސްތަކަށް ބޭސް ޖަހައެވެ. މިކަމުގެ ސަބަބުން ގަސްތަކަށް ބަލިޖެހުމުން ދުރުވެ، ގަސްތަށް ރަނގަޅު ސިއްހަތުގައި ހުރުމަށް މަގުފަހިވެއެވެ.
ބުރަ ބޮޑު މި މަސަތްކަތުން ލިބޭ ނަފާއަށް ވިސްނާލާއިރު ފާހަގަކޮށްލެވޭ ކަންކަން ހުރެއެވެ. އެގޮތުން ދަނޑުވެރިކަން ކުރަން ފެށުމަށްޓަކައި ގިނަ އަދަދެއްގެ ފައިސާ ބޭނުން ވާނެއެވެ. ނަމަވެސް ތިން ހަތަރު މަހުގެ ތެރޭގައި ދަނޑުތަކުން ފައިދާ ލިބެން ފަށައެވެ. އަދި އެންމެ ރަނގަޅަށް ގަސްތައް ބެލެހެއްޓިއްޖެނަމަ ގަސްތަކުން ލިބޭ ފައިދާ ދާނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންނެވެ.
މިމަސައްކަތްތައް މިހާރު މަޑުމަޑުން ފޮހެވެމުންދާ ކަމީ މިއަދު އަޅުގަނޑުމެން ފިކުރުކުރަން ޖެހޭ ކަމެކެވެ. އަންނަން އޮތް ޖީލުތަކަށް، އަހަރެމެންގެ ކާބަފައިންގެ މަސައްކަތްތަކުގެ މަޢުލޫމާތު ރައްކާތެރިކަމާއިއެކު ފޯރުކޮށް ދިނުމަކީ އަހަރެމެންގެ ޒިންމާއެކެވެ. ވީމާ، އެންމެން އެކުގާ އަހަރެމެންގެ މިޒިންމާ އަދާކުރަން ހިނގާށެވެ.
މަޢުލޫމާތު: ފަންވަތް. އިންފޯ