ސަރުކާރު ޖަވާބުދާރީ ކުރެވޭނީ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކަށް ލިބިގެން – އަދުރޭ
ސަރުކާރު ޖަވާބުދާރީ ކުރެވޭނީ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކަށް ލިބިގެން ކަމަށާއި އެމްޑީޕީއަށް މެޖޯރިޓީ ލިބިއްޖެނަމަ ދިވެހީންގެ މިނިވަންކަން ގެއްލުމުގެ ފުރުސަތު އެބައޮތް ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އާއި ކޮންގްރެސް ޕާޓީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ، ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށް ދީފި ނަމަ ރައްޔިތުން ކަރުއަޅާ ރޯން ޖެހޭނެ ކަމަށެވެ.
“މި އިންތިހާބްގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިއްޖެ ނަމަ ދެން އިތުރަށް އަޅުގަނޑުމެންގެ ދިވެހިރާއްޖެއޭ ކިޔަން އަޅުގަނޑުމެން އުޅެގެން ނުވާނެ. މިނިވަން ބަޔެކޭ ބުނުމުގެ ޖާގައެއް އަޅުގަނޑުމެންނަކަށް ނޯންނާނެ،” އަދުރޭ ވިދާޅުވިއެވެ.
އޭޕްރީލް 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު އަދުރޭ ވަނީ ކޮށްފަ އެވެ. އެގޮތުން އިދިކޮޅު ހަމަ އެކަނި ލީޑަރުގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރު ކުރުމަކީ ސަރުކާރުން ސީދާ ގޮތެއްގައި ނުފޫޒު ފޯރުވުމަށް ކުރި ކަމެއްގެ ގޮތުގައި އަދުރޭ ވަނީ ވިދާޅުވެފަ އެވެ.
އިދިކޮޅު ޕީޕީއެމް ކޯލިޝަނުން މަޖިލީހުގެ ހުރިހާ ގޮނޑިއަށް ވާދަ ނުކުރި ނަމަވެސް ރައީސް ޔާމީން ތާއީދު ކުރައްވާ ކެންޑިޑޭޓުންގެ ލިސްޓެއް މާދަމާ އާންމު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގައުމަށް ހެޔޮ އެދޭ ހުރިހާ ރައްޔިތުން ވެސް އެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އަދުރޭ ވަނީ އެދިވަޑައިގެންފަ އެވެ.

ޖަވާބުދާރީގެ ނަމުގައި ސަރުކާރަށް ޖެއްސުންކުރުން