ހޯރަ އިއްބެ މިނިވަންކޮށްފައި ހުރިނަމަވެސް ބަރާބަރަށް މޮނީޓަރ ކުރަމުން ދާނަން: ރައީސް ސޯލިހު
ކުޑައަންހެން ކުއްޖަކާއެކު ބަދުއަޣްލާގީ އަމަލު ހިންގުމުގެ ކުށުގައި ޖަލު ޙުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް މިމަހު މިނިވަންކުރި އިބްރާޙީމް ރަޝީދު، ހޯރަ އިއްބެ މިނިވަން ކޮށްފައި ހުރިނަމަވެސް އޭނާގެ ކަންކަން ބަރާބަރަށް މޮނީޓަރ ކުރަމުން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ އެމަނިކުފާން އިންޑިޔާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އެމަނިކުފާން ވިދާޅުވީ އިބްރާޙީމް ރަޝީދު ކޮށްފައި ވަނީ ވަރަށް ބޮޑު ކުށެއްކަމަށާއި އެހެންނަމަވެސް އޭނާ ދޫކޮށްލާފައިވަނީ ޤާނޫނާ ޚިލާފަށް ނޫންކަމަށެވެ.
ހެކިދައްކަވަމުން ރައީސް ވިދާޅުވީ މިފަދަ ކަންކަމުގައި ޢަމަލުކުރަމުން އަންނަ އުސޫލެއް މީގެ ކުރިންވެސް އޮތްކަމަށާއި ދޫކޮށްލީ އެއުސޫލުގެ ދަށުން ކަމަށެވެ. އެހެންނަމަވެސް އެފަދަ ބޮޑެތި ކުށްވެރިންނާއި މެދު އަމަލު ކުރަމުން އަންނަ އުސޫލުގެ ދަށުން ވަކި މުއްދަތެއް ވަންދެން އިއްބެގެ ކަންކަން ބަރާބަރަށް މޮނީޓަރ ކުރަމުން ގެންދާނެ ކަމަށެވެ. ނަމަވެސް މޮނީޓަރ ކުރަމުން ގެންދާނީ ކިހާ މުއްދަތަކަށް ކަން އެމަނިކުފާން ވިދާޅުވެފައެއް ނުވެއެވެ.
ހޯރަ އިއްބެ ހައްޔަރު ކުރީ 2012 ވަނަ އަހަރު ޑިސެމްބަރ މަހުގައި 17 އަހަރުގެ އަންހެން ކުއްޖަކާއެކު ކޮޓަރިއެއްގައި ތިއްބައެވެ. ފަހުން އިއްބެ އެއަންހެން ކުއްޖާ (ޒުއްރިއްޔާ އަބްދުއްޝުކޫރު) އާއި ކައިވެނިކޮށް އެކައިވެންޏަށް މިހާރު ވަނީ ދަރިއަކުވެސް ލިބިފައެވެ.
އިއްބެ މިނިވަން ކުރުމުގެ މަސައްކަތް ސަރުކާރުން ފެށުމާއި އެކު ވަރަށްގިނަ އާއްމު ރައްޔިތުންނާއި ސިޔާސީ ފަރާތްތަކުން އެކަމަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް ފާޑުކިޔާފައި ވެއެވެ. އެފާޑު ކިއުންތަކަށް ރައްދު ދެއްވަމުން ޒުއްރިއްޔާ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިއްބެ ހައްޔަރު ކުރި ދުވަސްވަރަކީ މާލެތެރެ ވަރަށް ހަލަބޮލި ސިޔާސީ ދުވަސްވަރެއް ކަމަށާއި އޭރުގެ ސަރުކާރުން އިއްބެގެ ފޯންކޯލްތައް ވެސް އަޑުއަހަމުން ދިޔަ ކަމަށެވެ. އެގޮތުން އިއްބެ ހައްޔަރުކުރީ އެމްޑީޕީގެ އެކްޓިވިސްޓަކަށް ވާތީ ސިޔާސީ މަގުސަދެއްގައި ކަމަށް އޭނާގެ ބަޔާނުގައި ވަނީ ތުހުމަތު ކޮށްފައެވެ.
