ސްކޫލްތަކުގެ އިސްވެރިންގެ ދައުރު މިހާރަށްވުރެ ފުޅާކުރާނަން – އެޑިޔުކޭޝަން މިނިސްޓަރ
ސްކޫލްގެ އިސްވެރިންނަކީ ދަރިވަރުންނަށް ފޯރުކޮށްދޭ ތަޢުލީމު އެންމެ އެކަށޭނަގޮތަށް ފޯރުކޮށްދިނުމަށްޓަކައި ވެރިންގެ ދައުރުއަދާކުރައްވާ ބޭފުޅުންކަމަށްވާތީ އެބޭފުޅުންގެ ދައުރު އަދިވެސް ފުޅާކުރައްވާނެކަމަށް އެޑިއުކޭޝަން މިނިސްޓރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ މިހެން ވިދާޅުވީ ސްކޫލްތަކުގެ އިސްވެރިންގެ ކޮންފަރެންސް 2019 ފަށްޓަވައިދެއްވައި ވާހަކަ ފުޅުދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖެގެ ސްކޫލްތައް ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވާ ފަރާތްތައް ވަކި ކޮޅަކަށް ނުޖެހި ދަރިވަރުންނަށް ރަނގަޅު ތަޢުލީމެއް ފޯރުކޯށްދިނުމަށް ތިއްބަވަން ޖެހޭ ބޭފުޅުންކަމަށާއި ވެރިން ގޯސްވެއްޖެނަމަ ސްކޫލުން ފޯރުކޯށްދޭ ތަޢުލީމް އެކަށީގެންވާގޮތަށް ފޯރުކޮށް ނުދެވޭނެކަމަށެވެ.
ސްކޫލްތަކުގެ އިސްމަޤާމުތަކުގައި ތިއްބެވި ވެރިން ވަކިފަރާތަކަށް ޖެހުމުގެ ބަދަލުގައި އިންސާފާއި ހަމަހަމަކަމާއެކު އެންމެހައި ފަރާތްތަކާއެކު މުޢާމަލާތް ކުރުމަކީ މުހިއްމު ކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އަދި މިއީ ތަޢުލީމް ފޯރުކޯށްދިނުމާއެކު ރާއްޖެއަށް އެކިދުވަސްވަރުގައި އަންނަ ކޮޅިގަނޑުތަކުގައި ދެމެހެއްޓެނިވި ގޮތަކަށް ވަޒީފާ އަދާކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެކަމެއްކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
“ސްކޫލްގެ އިސްވެރިންނަކީ ކިޔަވައދިނުމުގެ ޕްރޮގްރާމްތައް އިންތިޒާމްކޮށް ކުރިއަށް ގެންދިޔުމުގެ އިސްކޮށް ޙަރަކާތްތެރިވާ ފަރާތްތައް. މުޢާމަލާތްތަކާއި ގުޅުންތައް އެދެވޭގޮތެއްގެ މަތިން ތަރުތީބް ކުރުމަކީ ސްކޫލް އިސްވެރިންގެ އެންމެ މުހިއްމު އެއްދައުރު. ސްކޫލްގެ ކަންކަން ލާމަރުކަޒީކުރުމުގެ ސަބަބުން ސްކޫލްފެންވަރުގައި ނިންމަންޖެހޭ ކަންކަން ނިންމުމުގައި ލުއިފަސޭހަވެގެންދާނެ. މިކަންކަމުގެ ސަބަބުން ސްކޫލްތަކުން ނެރެވޭ ތަރުބިއްޔަތާއި ތަޢުލީމްގެ ނަތީޖާ ރަނގަޅުވެގެންދާނެ” އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.
ސްކޫލްތަކުގެ އިސްވެރިންގެ މަހާސިންތާ 2019 ގެ ޝިއާރަކީ “މަދަރުސީ އިސްވާރުކަން – ބަދީލީ ބަދަލުތަކަށް ހިތްޖެއްސުން”މިއެވެ. ރާއްޖޭގެ ހުރިހާ ސުކޫލެއް ހިމެނޭހެން ޖުމުލަ 250 އިސްވެރިން ބައިވެރިވާ މި މަހާސިންތާ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދެދުވަހުގެ މުއްދަތަކަށެވެ.
ޕްރިންސިޕަލުން ނުވަތަ ސްކޫލުތަކުގެ ވެރިންގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ބާއްވާ މިފޯރަމްގައި ރާއްޖޭގެ ހުރިހާ ޕްރިންސްޕަލުން އެއްތަނަކުން ބައްދަލުވެ އެކި ސްކޫލުތަކުގައިހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
މި މަހާސިންތާގައި ދަރިވަރުންނަށް ދޭ ތަޢުލީމުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސްކޫލްތަކުގެ ވެރިންގެ ދައުރު ފުޅާކުރުމަށް ކުރެވިދާނެ މަސައްކަތަކާއި މަންހަޖް ތަންފީޒުކުރުމުގައި އެބޭފުޅުންނަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.
އަދި ވަށައިޖެހޭ ތަޢުލީމާ ގުޅޭގޮތުންވެސް މަޝްވަރާކުރާނެއެވެ. މީގެއިތުރުން ސަރުކާރުން ސްކޫލްތަކުގައި ކުރިއަށް ގެންދާ ހެނދުނުގެ ނާސްތާއާ ގުޅޭގޮތުންވެސް މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާއިރު ތަޢުލީމީ ދާއިރާގައި ހުރި އެކިކަންކަމުގެ މައްޗަށް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަހާސިންތާއަކީ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުންދާ ނޭޝަނަލް އެޑިއުކޭޝަން އިންސްޓިޓިއުޓާއި ޔުނިސެފްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މަހާސިންތާއެކެވެ.




