އިންޑިއާ ކަނޑަށް ބިންހެލުމެއް އަތުވެއްޖެ
ރާއްޖެ ހިމެނޭ ސަރަޙައްދުގެ ދުރުފަޅިން އިންޑިއާ ކަނޑަށް ބިންހެލުމެއް އައިސްފައިވާކަމަށާއި ނަމަވެސް ރާއްޖެއަށް ނުރައްކަލެއް ނެތްކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފިއެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން މިހެން ބުނެފައިވަނީ މިއަދު ކޮށްފައިވާ ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ބުނެފައިވަނީ 5.9މެގްނިޓިއުޑްގެ ބިންހެލުމެއް ބޭ އޮފް ބެންގާލް ސަރަހައްދަށް އައިސްފައިވާކަމަށާއި އެ ބިންހެލުން އެ ސަރަހައްދަށް އައިސްފައިވަނީ ރާއްޖޭ ގަޑިން މިއަދު ހެނދުނު 06:32 ގައި ކަމަށެވެ. ރާއްޖެއަށް ނުރައްކަލެއް ނެތްކަމަށް އެ ޓްވީޓްގައި ބުނެފައިވެއެވެ.
މެޓް އޮފީހުން ބުނެފައިވާގޮތުގައި މި ބިންހެލުން އައިސްފައިވަނީ މާލެއާއި 1787.7 ކިލޯ މީޓަރު ދުރަށެވެ. މި ބިންހެލުން އައިސްފައިވަނީ ބޭ އޮފް ބެންގާލްގެ 10 މީޓަރު އަޑިއަށް ކަމުގައިވެސް ބުނެފައިވެއެވެ.
ބޭ އޮފް ބެންގާލަކީ އިންޑިއާ ކަނޑުގެ އިރު އުތުރު ސަރަހައްދެވެ.
