ޚަބަރު

ރާއްޖޭން ބޭރުގައި ކިޔަވަމުންދާ ދަރިވަރުން ވެކްސިން ޖެހުމަށް ރަޖިސްޓްރީ ވާން އެދެފި

ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން މިވަގުތު ރާއްޖޭގައި ތިބި ދަރިވަރުން ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ޖެހުމަށް ރަޖިސްޓްރީ ވުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން އެދެފިއެވެ.

މިގޮތަށް ހުޅުވާލައިފައި މިވަނީ އެފަދަ ފަރާތްތަކުގެ އެދުމުގެ މަތިންނެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ވިދަޅުވެފައި ވަނީ އެފަރާތް މެދުވެރިވެގެން ސްކޮލަރޝިޕް ފުރުޞަތުތަކުގައާއި މަތީ ތަޢުލީމާއި ތަމްރީނަށްދޭ ލޯނު އެހީ އަދި އަމިއްލަ ޚަރަދުގައި ރާއްޖޭން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން މިވަގުތު ރާއްޖޭގައި ތިބި ދަރިވަރުން ކޯވިޑް19 ގެ ވެކްސިން 2 ޑޯޒް ފުރިހަމަކުރުމަށްފަހު އެނބުރި ރާއްޖޭން ބޭރަށް ދިއުމަށް އެ މިނިސްޓްރީ ގައި އެދެމުންދާކަމަށެވެ.

އެހެން ކަމުން އެނބުރި ކިޔަވަން ދިއުމުގެ ކުރިން ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު ހަތަރެއް ނުވަތަ ހަ  ހަފުތާ (މަދުވެގެން 4 ހަފްތާ) ހަމަކޮށް ވެކްސިންގެ ދެވަނަ ޑޯޒް ޖެހޭނެ މުއްދަތު އޮތް ދަރިވަރުން ރަޖިސްޓްރީ ވުމުގެ ފުރުޞަތު އެ މިނިސްޓްރީން ވަނީ ހުޅުވާލައިފައެވެ.

އެމިނިސްޓްރީން ވިދާޅުވެފައި ވަނީ ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ޖެހުމަށް ބޭނުން ފުޅުވާ ފަރާތްތަކުން އެމިނިސްޓްރީން ދީފައިވާ ގޫގުލް ފޯމް މެދުވެރިކޮށް ރަޖިސްޓްރީ ވުމަށް އެދޭކަމަށެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން އާންމުންނަށް މިހާރު ދަނީ ދެމުންނެވެ. އެގޮތުން މާލެއާއި އަތޮޅުތެރޭގައިވެސް ވެކްސިން ދިނުމުގެ މަސައްކަތްތައް ދަނީ ކުރިޔަށް ގެންދަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close