ހަތް ރަށެއްގެ ބަނދަރުގެ މަސައްކަތްތައް ކުރުމަށް އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފި
އދ.މަންދޫ އާއި ނ.ލަންދޫ އާއި ށ.ބިލެތްފައްސާއި، ށ.ޅައިމަގާއި، ރ.ރަސްމާދޫއާއި ފ.ދަރަބޫދޫ އާއި، އަދި ދ.ހުޅުދެލީގެ ބަނދަރުގެ އެކިއެކި މަސައްކަތްތައް ނިންމުމަށް އެމްޓީސީއާއި، މިއަދު ޙަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ ސީ.އީ.އޯ ޝާހިދު ޙުސެއިން މޫސާއެވެ.
އެމް.ޓީ.ސީ.ސީއާއި ހަވާލުކުރި މަޝްރޫޢުތައް:
އދ. މަންދޫ ބަނދަރު ހެދުން : 37 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް 330 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް
ނ. ލަންދޫ ބަނދަރު ހެދުން : 35 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް 420 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް
ށ. ބިލެތްފަހި ބަނދަރު އަޕްގްރޭޑްކުރުން : 31 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް 365 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް
ށ. ޅައިމަގު ބަނދަރު އަޕްގްރޭޑްކުރުން : 56 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް 480 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް
ރ. ރަސްމާދޫ ބަނދަރު އަޕްގްރޭޑްކުރުން : 19 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް 365 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް
ފ. ދަރަނބޫދޫ ބަނދަރު އަޕްގްރޭޑްކުރުން : 38 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް 397 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް
ދ. ހުޅުދެލި ބަނދަރު އަޕްގްރޭޑްކުރުން : 39 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް 362 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް
މި 7 މަޝްރޫޢުވެސް އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުޞޫލުންކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.
މި މަޝްރޫޢުތަކާގުޅޭގޮތުން ވާހަކަދައްކަވަމުން ޕްލޭނިންގ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤު ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން އެންމެ ފުރަތަމަ ކުރިއަށްދާނީ 7 ރަށުގެ ބަނދަރަށް ބޭނުންވާ ތަފްޞީލު ޑިޒައިންތައް ހެދުމުގެ މަސައްކަތްތައް ކަމަށެވެ. އެއަށްފަހު އީ.އައި.އޭގެ މަސައްކަތްތައް ފެށިގެންދާނެކަމަށާއި، މި ހުރިހާ މަޝްރޫޢުތަކެއް ކުރިއަށްގެންދިއުމުގައި ރަށްރަށުގެ ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯދާނެކަމަށްވެސް ޝާނާ ވިދާޅުވިއެވެ.
އެމް.ޓީ.ސީ.ސީގެ ކޮންސްޓްރަކްޝަންސް އެންޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޑިވިޝަންގެ ޖެނެރަލް މެނޭޖަރ އަޙްމަދު ލަޠީފު ވިދާޅުވީ، މިފަދަ މަޝްރޫޢުތައް ސަރުކާރުގެ ފަރާތުން އެމް.ޓީ.ސީ.ސީއާއި ހަވާލުކުރުމުން، އެކުންފުނީގެ ޚިދުމަތްތަކާމެދު ސަރުކާރާއި ރައްޔިތުން ކުރާ އިތުބާރު ވަރަށް ބޮޑަށް ހާމަވެގެންދާކަމަށެވެ. އަދި ދީފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ފުރިހަމަކުރުމަށް އެކުންފުނިން މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން އޭނާ ވަނީ ދެއްވާފައެވެ.

