އެމް.ޑީ.ޕީ އެތެރޭގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާންކޮށްފި
16 މެއި 2022 ގައި ކުރިއަށް ގެންދިޔަ އެމް.ޑީ.ޕީގެ އެތެރޭގެ އިންތިޚާބުގެ ވަގުތީ ނަތީޖާ މިއަދު އިޢުލާންކޮށްފިއެވެ.
މި އިންތިޚާބުގައި އެންމެ ވާދަވެރިކަން ބޮޑުވެގެންދިޔަ ޗެއާޕާސަންގެ މަޤާމަށް ކުރިމަތިލެއްވި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލްއަށް ވަނީ ޖުމްލަ 27،470 ވޯޓު ލިބިލައްވާފައެވެ. ފައްޔާޒްއާއި ވާދަ ކުރެއްވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއަށް ލިބިލައްވާފައިވަނީ 20،051 ވޯޓެވެ.
މީގެ އިތުރުން އަންހެނުންގެ ރޫޙުގެ ރައީސްގެ މަޤާމަށް ކުރިމަތިލެއްވި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އަށް 11،708 ވޯޓު ލިބިލެއްވިއިރު ރޮޒައިނާއާއި ވާދަ ކުރެއްވި ސަފާތު އަޙްމަދު ޒާހިރުއަށް ލިބިފައިވަނީ 7961 ވޯޓެެވެ.
މި އިންތިޚާބުގައި ޒުވާނުންގެ ހިތްވަރުގެ ރައީސްގެ މަޤާމް ލިބިލެއްވި ރިފްޤާ ޝިޔާމްއަށް ވަނީ 6322 ވޯޓު ލިބިފައެވެ. ރިފްޤާއާއި ވާދަ ކުރި މުޙައްމަދު އަންސަރު އަށް ލިބިފައިވަނީ 5545 ވޯޓެވެ.
އެމް.ޑީ.ޕީގެ މި އިންތިޚާބަކީ މިހާތަނަށް ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ބޭއްވި އެންމެ ފޯރިގަދަ އިންތިޚާބުކަން ފާހަގަކޮށްލެވެއެވެ. މިގޮތުން ކެންޑިޑޭޓުންވެސް ބޮޑެތި ޚަރަދުތަކެއް ކުރައްވާ ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށް ކެމްޕެއިންކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

