ރާނީ އެލިޒަބަތު ގެ 96 ވަނަ އުފަންދުވަސް ސަންޑްރިންގްހަމްގައި ފާހަގަ ކުރައްވަނީ
ރާނީ އެލިޒަބަތުގެ 96 ވަނަ އުފަންދުވަސް (21.04.22) ސަންޑްރިންގްހަމްގައި ފާހަގަ ކުރައްވާނެ ކަމަށް ބެލެވެ އެވެ.
ބުނެވޭ ގޮތުގައި އިނގިރޭސި ރާނީ މި މުނާސަބާ ހޭދަކުރައްވަން އިޚްތިޔާރު ކުރެއްވީ އެކަމަނާގެ އަވަހާރަވެފައިވާ ފިރިކަލުން ޕްރިންސް ފިލިޕްގެ ގާތް ކަން އިހުސާސް ކުރެއްވުމުގެ ގޮތުން ޝާހީ އާއިލާގެ ނޯފޯކް އެސްޓޭޓްގަ އެވެ.
ޑެއިލީ މިރަރ އަށް މައުލޫމާތު ދިން ފަރާތަކުން ބުނި ގޮތުގައި “ރާނީ ވަރަށް ފަހުން ނިންމެވީ އެކަމަނާގެ އުފަންދުވަހު އެކަމަނާގެ އަވަހާރަވެފައިވާ ފިރިކަލުންނާއި ދެބޭފުޅުންގެ ވެސް ވަރަށް ގާތް މާހައުލެއްގައި ވީހާވެސް ގާތްކޮށް ހުންނަވަން ބޭނުންފުޅުވާ ކަމަށެވެ. ސަންޑްރިންގްހަމް އަކީ ރާނީ އާއި ޕްރިންސް ފިލިޕްގެ އިތުރުން ޝާހީ އާއިލާގެ އެހެން ހުރިހާ ބޭފުޅުންގެ ވެސް ވަރަށް ހާއްސަ ހަނދާންތަކެއް ވާ ތަނެކެވެ.
އުފަންދުވަސް ފާހަގަކުރައްވަން ރާނީ ހުންނަވާނީ ވުޑް ފާމްގައި ކަމަށްވާއިރު، އުމުރުފުޅުން 99 އަހަރުގައި ފިލިޕް އަވަހާރަވީ އެތާންގައި ދިރިއުޅުއްވަމުން ގެންދަވަނިކޮށެވެ.
އެކަމަނާގެ އުފަންދުވަހާ ދިމާކޮށް ޝާހީ އާއިލާގެ ހާއްސަ ޒިޔާރަތެއް ވިންޑްސާ ކާސަލްގައި ޑިއުކް އެންޑް ޑަޗަސް އޮފް ސަސެކްސް ގެ ފަރާތުން ވަނީ ކޮށްފައެވެ.


