ވޭތުވެދިޔަ އަހަރު ފަތުރުވެރިކަމުގެ 1 ވަނަ މާކެޓަކަށް އިންޑިއާ

ވޭތުވެދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިޔާއިންނެވެ.
މިކަން ހާމަވެފައިވަނީ ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ޢާއްމުކުރި ތަފާތު ހިސާބުތަކުންނެވެ. އެ މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު އިންޑިއާ އިން 209،198 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
2022 ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެ އަހަރުވެސް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާ އިންނެވެ. އެ އަހަރު 241،369 ފަތުރުވެރިން އެ ގައުމުން ރާއްޖެ އައިސްފައިވާ ކަމަށް ހިސާބުތައް ދައްކަ އެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ޢައްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ އަހަރު 1.8 މިލިއަސް ފަތުރުވެރިން ރާއްޖެއައިސްފައިވާއިރު ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައި ރަޝިއާ އިން 209،146 ފަތުރުވެރިން އައިސްފައިވެއެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ޗައިނާއިން 187،118 ފަތުރުވެރިން އައިސްފައިވާއިރު ހަތަރުވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި އިނގިރޭސިވިލާތުން 155،730 ފަތުރުވެރިން އައިސްފައިވެއވެ. އަދި ފަސްވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ޖަރުމަނުން 135،090 ފަތުރުވެރިން އައިސްފައިވެއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ މިއަހަރުގެ އަމާޒަކީ ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ގެނައުންކަމަށް އެވުޒާރާއިން ހާމަކުރައްވައެވެ.

