ޚަބަރު

ޤައުމީ ދިދަ އާއި ދިވެހިދައުލަތުގެ ނިޝާނާއި، ޤައުމީ ސަލާމް ބަލައިނުގަންނަ ނަމަވެސް ބެލެވޭނީ ހަރުކަށި މީހުންކަމުގައި

ޤައުމީ ދިދަ އާއި ދިވެހިދައުލަތުގެ ނިޝާނާއި، ޤައުމީ ސަލާމް ބަލައިނުގަންނަ ނަމަވެސް ބެލެވޭނީ ހަރުކަށި މީހުންކަމުގައި ކަމަށް ކަނޑައަޅައި، ހަރުކަށި ފިކުރުގެ މީހުން ދެނެގަންނާނެ ގޮތް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު، އެންސީޓީސީން ހާމަކޮށްފިއެވެ.

ހަރުކަށި ފިކުރުގެ މީހުން ދެނެގަންނޭނެ ގޮތް ހާމަކޮށް ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ނެރުނު ބަޔާނެއްގައި ހަރުކަށި ފިކުރު މާނަކޮށްފައިވާ ގޮތުން “ހަރުކަށި ފިކުރަކީ، ޤާނޫނު އަސާސީގެ ރޫޙާއި ޤާނޫނީ ހަމަތަކާއި، އާންމު އިޖުތިމާޢީ އުޞޫލުތަކަށް ބަހާއި ޢަމަލުން އިންކާރުކޮށް، އެކަންކަމާދެކޮޅަށް ވަކާލާތުކުރުމުގައި ހަރުކަށިވެ، އަނިޔާވެރިވުމާއި އިހާނެތިކޮށްހިތުމުގެ ފިކުރު” ކަމުގައި ވަނީ ބުނެފައެވެ.

އަދި ހަރުކަށި ފިކުރު ފަތުރާ މީހުން ސްކޫލްތަކުގެ ޤައުމީ ތަޢުލީމީ މަންހަޖުތައް ބަލައިނުގަތުމާއި، ދަރިވަރުން ސްކޫލަށް ހާޒިރުނުކުރުމުގެ އިތުރުން ބައިނަލްއަޤްވާމީ ޞިއްޙީ މިންގަޑުތަކުން ކުދިން މަހުރޫމް ކުރުވުމާއި، ދިވެހިރާއްޖޭގެ އަންނަންއޮތް ޖީލަށް ނުރައްކާވާފަދަ ފަނާކުރަނިވި ވިސްނުން ކުރިއަރުވާ، ފަތުރާކަން އެންސީޓީސީއިން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން އިންސާނީ ޙައްޤުތަކަށް ބެލުމެއްނެތި އަންހެނުންނާއި ކުޑަކުދިން ނިކަމެތިކޮށް، ކައިވެނި ކުރެވިފައިވާކަމަށް ބުނެ ތުއްތުކުދިންނަށް ޖިންސީ ގޯނާކުރުން ފަދަ އަމަލުތަށް ހިންގާކަން ވަނީ ފާހަގަކޮށްފައެވެ.

އަދި މި ފިކުރުގެ މީހުން އެތަނެއްގެ ޘަޤާފަތާއި، ޒަމާންވީ އާދަކާދަތަކާއި، ހަމަތަކާ އުޞޫލުތަކުގެ މައްޗަށް ބިނާވެގެންވާ ސާފު ސީދާ މަގުން އެއްކިބާވެ އަދި އެތަނެއްގައި އޮންނަ ޤާނޫނާއި ޤަވާއިދުތަކާއި އުޞޫލްތަކުގެ އިންތަކުން ބޭރުވެތިބެ، އެބައެއްގެ ފިކުރަށްތަބާވާ މީހުން ފިޔަވައި އެހެން މުސްލިމުންނަކީ މުސްލިމުންނޫންކަމަށް ބުނެ، އެގޮތަށް ދެއްކުމަށް މަސައްކަތްކޮށް، ރައްޔިތުންގެ މުދަލުން ވައްކަން ކުރުމާއި ފޭރުން އެއީ ހުއްދަކަމެއް ކަމުގައި ބުނެ އެކަމަށް ވަކާލާތުކޮށް، މީސްތަކުންނަށް އިހާނެތިކޮށް ހިތާ އަނިޔާވެރިވެ، މީހުންގެ ފުރާނަޔާއި މުދަލަށް ގެއްލުން ދިނުމަކީ ލާޒިމް ކަމެއްކަމަށް ދައްކުވައިދީ، އެކަންކަން އެގޮތަށް ކުރުމަށް ހިތްވަރުދޭނެކަން ވަނީ ފާހަގަކޮށްފައެވެ.

މި ބަޔާނުގައި އެންސީޓީސީއިން ވަނީ ހަރުކަށި ފިކުރުގެ މީހުން ދެނެގަންނާނެ ގޮތް ހާމަކޮށްފައެވެ. އެގޮތުން ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެއްކަމަށް ބުނެ، އެކަމަށް ވަކާލާތުކޮށް ދިވެހި ޤައުމިއްޔަތަށް އިންކާރުކުރާ މީހުންނަކީ ހަރުކަށި ފިކުރުގެ މީހުންކަމަށް ބުނެފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއަކީ ބާޠިލް އެއްޗެއްކަމަށްބުނެ، އެކަން އެގޮތަށް ދެއްކުމަށް ވަކާލާތުކޮށް، ދިވެހިރާއްޖޭގެ އެންމެހާ ޤާނޫނުތަކާއި ޤަވާޢިދުތަކާއި އުޞޫލުތަކާ ޚިލާފުވެ، ދިވެހި ޘަޤާފަތާއި ޒަމާންވީ އާދަކާދަތަކަށް އިންކާރުކޮށް ދިވެހި މުޖުތަމަޢުގެ އެއްބައިވަންތަކަން ގެއްލުވާލައި، މުޖުތަމަޢު ބައިބައިކުރަން މަސައްކަތް ކުރާ މީހުންނަކީވެސް މި ފިކުރަށް ތަބާވާ ބައެއްކަން މިބަޔާނުގައިވަނީ ފާހަގަކޮށްފައެވެ.

ހަރުކަށި މީހުންގެ ސިފަތަކާއި ދެނެގަންނާނެ ގޮތް އެންސީޓީސީއިން އިއުލާންކޮށްފައިވާއިރު، ހަރުކަށި ފިކުރާއި ދެކޮޅަށް ރ.އަތޮޅު މަޑުއްވަރީގައި “އައްސޭރީ” އޮޕަރޭޝަންގެ ނަމުގައި ޚާއްސަ އޮޕަރޭޝަންއެއް ފުލުހުންނާއި ކަމާ ބެހޭ ފަރާތްތަށް ގުޅިގެން ވަނީ ފަށާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close