ޚަބަރު

ޕީސީބީން އިތުރުގަޑީގެ ފައިސާ ދިނުން ހަރުކަށިކޮށް، ކުންފުނިތަކުގެ ހަރަދު ކުޑަކުރަން އަންގައިފި

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން، ހަފްތާއަކު 48 ގަޑިއިރު މަސައްކަތް ނުކުރާ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ (އޯޓީ) ނުލިބޭ ގޮތަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އުސޫލުތައް ހަރުކަށިކޮށްފިއެވެ.

ޕީސީބީން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ މިއީ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑިއަރީތަކުގައި އިތުރުގަޑީގެ ފައިސާ ދިނުމުގެ އުސޫލު އެއްހަމަކުރުމަށް ނިންމި ނިންމުމެއް ކަމަށެވެ.

އަލަށް އެކުލަވާލި އުސޫލުގައިވާ ގޮތުން އިތުރުގަޑީގެ ފައިސާ ދެވޭނީ ހަފްތާއަކު 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކުރާ ވަގުތަށް އެކަންޏެވެ. އަދި އިތުރުގަޑީގެ ފައިސާ ދެވޭނެ އެންމެ ގިނަ މިންވަރު ކަނޑައަޅައިގެން (ކެޕްކޮށްގެން) ފައިސާ ދެމުންދާ ކުންފުނިތަކުންވެސް، އެންމެ ހަރަދު ކުޑަވާނެ ގޮތަކަށް އުސޫލުތައް މުރާޖާކުރުމަށް ވަނީ އަންގާފައެވެ. މި ބަދަލުތައް މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނިންމައި، އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ތަންފީޒުކުރަން ޖެހޭނެއެވެ.

އިތުރުގަޑީގެ އުސޫލުގެ އިތުރުން، ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށްވެސް ޕީސީބީން ވަނީ އަންގާފައެވެ. މި މަރުހަލާ ކުރިއަށްދާ ގޮތް ބެލުމަށްޓަކައި ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހު މުވައްޒަފުންގެ އަދަދަށް އަންނަ ބަދަލުތައް ޕީސީބީއަށް ފޮނުވަން ޖެހެއެވެ. މިހާރުވެސް ފެނަކަ އާއި އެޗްޑީސީ ފަދަ ކުންފުނިތަކުން ވަނީ އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް އެ ފުރުސަތު ހުޅުވާލާފައެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 42,000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު، ސަރުކާރުގެ އަމާޒަކީ ވަޒީފާއާ ބެހޭ ގާނޫނުގެ ތެރެއިން މުވައްޒަފުންގެ އަދަދު އެކަށީގެންވާ މިންވަރަކަށް ތިރިކޮށް، ހަރަދުތައް ކޮންޓްރޯލް ކުރުމެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close