ޚަބަރު

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން މަދުކުރަން ޕީސީބީން ތިން މަސްދުވަހުގެ މުއްދަތެއް ދީފި

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް ދަށްކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ދީފައިވާ އަމުރަށް އަމަލުކުރުމަށް ތިން މަސްދުވަހުގެ ސުންގަޑިއެއް ކަނޑައަޅައި، އެކަން ކުންފުނިތަކަށް އަންގައިފިއެވެ.

ޕީސީބީން މިދިޔަ އޭޕްރީލް މަހު ނެރުނު ސާކިއުލާއަށް އިޝާރާތްކޮށް، މި މަހުގެ 13 ވަނަ ދުވަހު ނެރުނު އާ ސާކިއުލާއެއްގައި ބުނެފައިވަނީ ކުންފުނިތަކުގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި މުވައްޒަފުންގެ ޖުމްލަ އަދަދުން ބުނެވުނު މިންވަރު މަދުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އެއްކޮށް ނިންމަންޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، ސަރުކާރު ކުންފުނިތަކުގެ ހިއުމަން ރިސޯސް (އެޗްއާރް) ސިޔާސަތުތައް އިތުރަށް ހަރުދަނާކުރުމަށް ވެސް ޕީސީބީން ވަނީ އަންގާފައެވެ. އެގޮތުން ވަޒީފާ ދިނުމުގައި ތައުލީމާއި ތަޖުރިބާއަށް ބަލައި، މެރިޓް އުސޫލުން އެންމެ شަރުޠު ހަމަވާ މީހުން ހޮވޭނެ ފަދަ ގޮތަކަށް ރެކްރޫޓްމަންޓް އުސޫލުތައް އިސްލާހުކޮށް، އެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަމުންދާކަން ކަށަވަރުކުރުމަށް ވެސް ކުންފުނިތަކަށް ވަނީ އިރުޝާދު ދީފައެވެ.

ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ ސައިޒު ކުޑަކޮށް، ސިޔާސީ މަގާމުތަކާއި ކުންފުނިތަކުގެ މުވައްޒަފުން މަދުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބަށް ފަހުގައެވެ. ރައީސް ވިދާޅުވެފައިވަނީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމަށް ނިންމެވި ނިންމެވުން ވަރަށް ހަރުކަށިކޮށް ތަންފީޒު ކުރައްވަމުން ގެންދަވާނެ ކަމަށެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close