ޚަބަރު

ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާޢަތް ދަށަށް ހިނގައްޖެ

މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރާ އަޅާ ބަލާއިރު ހަތަރުވަނަ ކުއާޓާގައި ދިވެހިރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތުގެ މަސައްކަތްތައް %2 ދަށަށް ގޮސްފައިވާކަމަށް ސާވޭއަކުން ދައްކައިފިއެވެ.

އެމްއެމްއޭއިން އާއްމުކޮށްފައިވާ ކުއަރޓަލީ ބިޒްނަސް ސާވޭ ރިޕޯޓުގައިވާގޮތުން އިމާރާތްކުރުމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ ކުންފުނިތަކެއްގެ ވިޔަފާރި މަޑުޖެހިފައިވާކަމަށް ބުނެފައިވާ ވެއެވެ.  

ހުސްވި އަހަރުގެ ފަހު ކުއާޓަރެކޭ އެއްފަދައިން، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައިވެސް އިމާރާތްކުރުމުގެ ދާއިރާ އިތުރަށް މަޑު ޖެހިގެންދާނެކަމަށް އެ ސިނާއަތުގައި މަސައްކަތްކުރާ ގިނަ ވިޔަފާރިތަކުން ވަނީ ލަފާކޮށްފައެވެ.

އިމާރަތްކުރުމުގެ ސިނާއަތް ކުރިއެރުން ދަށަށްގޮސްފައިވަނީ މައިގަނޑުގޮތެއްގައި އިމާރަތްކުރުމަށް ބޭނުންވާ ތަކެތީގެ އަގު އުފުލުމާއި، މަސައްކަތްކުރުމަށް ދިވެހިން ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުންކަމަށް ސާވޭގެ ބައިވެރިން ވަނީ ފާހަގަކޮށްފައެވެ.

ޢިމަރާތްކުރުމުގެ ސިނާޢަތު ދަށަށް ގޮސްފައިވީނަމަވެސް މި ސާވޭގައި ބައިވެރިވި ފަތުރުވެރިކަމުގެ ސިނާއަތާއި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިކުރުމުގެ ސިނާއަތުގެ އިތުރުން ތަކެތި އުފެއްދުމުގެ ސިނާއަތުންވަނީ 2018 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު ހަތަރުވަނަ ކުއާޓަރުގައި ވިޔަފާރި ރަނގަޅުވެފައިވާކަން ފާހަގަކޮށްފައެވެ.

އެގޮތުން ރާއްޖޭގެ މެނުފެކްޗަރިންގ ސެކްޓަރ ނުވަތަ ތަކެތި އުފެއްދުމުގެ ސިނާއަތުގައި ހަރަކާތްތެރިވާ %90 ފަރާތަކުން ބުނެފައިވަނީ އެކުއަރޓަރގައި ލިބުނު އޯޑަރުތަކުގެ އަދަދު އިތުރުވުމާއި އެކު އުފެއްދުންތެރިކަންވެސް އިތުރުވެފައިވާ ކަމަށެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭ އިން އާއްމުކޮށްފައިވާ ‘ ކުއަރޓަލީ ބިޒްނަސް ސަރވޭ’ ރިޕޯޓަކީ ރާއްޖޭގެ އިޤްތިސާދުގައި އެންމެބޮޑު ދައުރެއް އަދާކުރާ ސިނާއަތްތަކުގެ ބައިވެރިވުމާއި އެކު ކުރިއަށްގެންގޮސްފައިވާ ސާވޭއެކެވެ. އެގޮތުން މި ސާވޭގައި އިމާރަތްކުރުމުގެ ސިނާއަތް، ތަކެތި އުފެއްދުމުގެ ސިނާއަތް، ފަތުރުވެރިކަމުގެ ސިނާއަތް އަދި އާއްމު ވިޔަފާރިތަކުގެ ފަރާތްތައް ވަނީ ބައިވެރިކޮށްފައެވެ.

މި ސާވޭގައި ވަނީ ވިޔަފާރީގެ މާހައުލުގެ ޙާލަތު ދެނެގަނެ ވަކިވަކި ސިނާއަތްތަކަށް އަންނާނެ ކަމަށް ލަފާކުރެވޭ ކުރިއެރުންތަކާއި ގުޅޭގޮތުން ސުވާލުކޮށް މައުލޫމާތު ހޯދާފައެވެ. މި ސަރވޭގައި ސަތޭކައެއްހާ ފަރާތަކުންވަނީ ބައިވެރިވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close