ޚަބަރު

މާލެއިން މުދާ ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ “ސައުތުލައިން” ބޯޓް ހުއްޓުވައިފި

މާލެއިން މުދާ ބަރުކޮށްގެން ދެކުނަށް ދަތުރުކުރަމުން ދިޔަ “ސައުތުލައިން” ނަމަކަށް ކިޔާ ބޯޓެއް ގަވާއިދާ ހިލާފަށް މުދާ ބަރުކޮށްފައިވާ ކަމަށް ބުނެ ބޯޓު ހުއްޓުވައި، މާލޭ ފަޅަށް ވައްދައިފިއެވެ.

ފުލުހުން ބުނީ ގަވާއިދާ ހިލާފަށް މުދާ ބަރުކޮށްގެން ދަތުރު ކުރި ބޯޓު ހުއްޓުވައި މާލޭ ބަނދަރަށް ވައްދާފައިވާ ކަމަށެވެ. މި ބޯޓު މާލެއިން ފުރާފައި ވަނީ މިއަދުގެ ވަގުތެއްގައެވެ.

އަދި ގަވާއިދާ އެއްގޮތަށް މުދާ ބަރުކޮށްގެން ނޫން ގޮތަކަށް އިތުރަށް ނުފުރޭނެކަން އަންގާފައިވާ ކަމަށް ވެސް މެރިން ޕޮލިހުން ބުންޏެވެ.

ފުލުހުން ބުނެފައި ވަނީ މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްރަވަރަކަށް ވާތީ ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.އަދި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެފަރާތުން ވަނީ ނަސޭހަތްތެރިވެފައެވެ.

ކަނޑުމަގުން މުދާ އުފުލާ ބޯޓުފަހަރަށް އަންގާފައިވާ ވަރަށް ވުރެ ގިނައިން މުދާ ބަރުކޮށްގެން ދަތުރުކުރުމަކީ މަނާކަމަށްވާއިރު މިފަދަ ހާދިސާތައް ހުއްޓުވުމަށް ފުލުހުން މީގެ ކުރިންވެސް ވަނީ މިފަދަ ފިޔަވަޅުތައް އަޅާފައެވެ.

ގަވާއިދާ ހިލާފަށް މުދާ ބަރުކޮށްގެން ނުވަތަ މީހުން އަރުވައިގެން ދަތުރުކޮށްފައިވާ ކަނޑުމަތީ އުޅަނދުތަކަށް ވަރަށް ހިތާމަވެރި ހާދިސާތަކާވެސް ކުރިމަތިވެފައިވާއިރު މޫސުން ގޯސް ދުވަސްތަކުގައި މިފަދަ ހާދިސާތައް ހިނގުމުގެ ފުރުސަތު އިތުރުވާތީ ކުރިއާލައި ކަމާބެހޭ ފަރާތްތަކުން ސަމާލުތައްވެސް ދޭކަން ފާހަގަ ކުރެވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close