ޚަބަރު

ވެކްސިން ސެންޓަރުތައް މާދަމާ ބަންދުވާނެ

މާލޭ ސަރަހައްދުގައި ކޮވިޑް-19ގެ ވެކްސިން ޖަހައިދޭ ސެންޓަރުތައް މާދަމާ ބަންދުވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ، މާދަމާ މާލޭގައި ވެކްސިން ޖަހައިދޭ ސެންޓަރުތައް ބަންދުވާނެ ކަމަށެވެ. ނަމަވެސް، އެއްވެސް ސަބަބެއް ހާމައެއް ނުކުރެ އެވެ.

ސަން އޮންލައިން ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ދެވަނަ ޑޯޒް ފުރިހަމަ ކުރެވޭ މިންވަރަށް މިވަގުތު ރާއްޖޭގައި ވެކްސިން ނެތްކަން އެ ނޫހަށް ވަނީ އެނގިފަ އެވެ.

ރާއްޖޭގައި މިވަގުތު ކޮވިޝީލްޑު ވެކްސިން ހުރީ ކިހާ އަދަދަކަށްތޯ ބެލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ ތަކުރާރުކޮށް ސުވާލު ކުރުމުންވެސް ރަސްމީ ޖަވާބެއް ލިބިފައެއް ނުވާކަމަށްވެސް ސަންއިން ވަނީ ބުނެފައެވެ.

އެހެންނަމަވެސް، ސަރުކާރުން ވަނީ ރާއްޖެ ވެކްސިނަށް ނުޖެހޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު ވިދާޅުވީ، ވެކްސިން ހުސްވެގެން ވެކްސިން ޕްރޮގްރާމް ހުއްޓުމަކަށް ނާންނާނެ ކަމަށެވެ.

ވެކްސިން ހޯދުމަށް ކުރަން ޖެހޭ ކަންކަން ސަރުކާރުން ކުރަމުންދާ ކަމަށް އިއްޔެ ޑރ. ޝާހު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ވެކްސިން ލިބުމަށް ދަތިވެގެން އުޅެނީ އަވަށްޓެރި އިންޑިއާގައި ކޮވިޑުގެ ހާލަތު ގޯސްވުމާ ގުޅިގެން ވެކްސިން އެކްސްޕޯޓް އެގައުމުން ހުއްޓާލާފައި ވާތީ އެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 295،251 މީހުންނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯސް ޖަހާފައިވެ އެވެ. އަދި ދެވަނަ ޑޯސް މިހާތަނަށް ޖަހާފައި ވަނީ 97،339 މީހުންނަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close