ޚަބަރު

ނުހައްގުން މުވައްޒަފުން ކަނޑަނީ އިންތިހާބުތަކުން ބަލިވުމުގެ ބަދަލުހިފަން: ފިއްޓޭ

ސަރުކާރު ހިއްސާވާ ކުންފުނިތަކުން (އެސްއޯއީ) 33 އިންސައްތަ މުވައްޒަފުން މަގާމުން ވަކިކުރަން ނިންމާފައިވަނީ މިއަހަރު ބޭއްވި އިންތިހާބުތަކުން ސަރުކާރު ބަލިވުމާ ގުޅިގެން ރައްޔިތުންނާއި މުވައްޒަފުންނަށް އަދަބު ދިނުމުގެ ގޮތުން ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ތުހުމަތު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ބަހުސްގައި ވާހަކަދައްކަވަމުން ފިއްޓޭ ވިދާޅުވީ، ސަރުކާރު ކުންފުނިތަކުން ސިޔާސީ ބޭނުމަށްޓަކައި މުވައްޒަފުން ވަކިކުރުމާ ދެކޮޅަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި ގަރާރަށް ތާއީދުކުރައްވާ ކަމަށެވެ. އަދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އެސްއޯއީތަކުގެ މުވައްޒަފުން މަދުކުރަން އަންގާފައިވާ އެންގުމަކީ ސިޔާސީ ސަބަބުތަކަށްޓަކައި ނިންމާފައިވާ ނިންމުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ފެނަކަ ފަދަ މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ހުރި ކުންފުނިތަކަށް އިންތިހާބާ ދިމާކޮށް އިންތިހާއަށް މީހުން ނެގުމަށްފަހު، މިއަދު މުސާރަ ނުދެވިގެން މުވައްޒަފުން ވަކިކުރަންޖެހުމަކީ ސަރުކާރުގެ ނާގާބިލުކަން ހާމަވާ ކަމެއް ކަމަށް ފިއްޓޭ ވިދާޅުވިއެވެ. ސަރުކާރުން މުވައްޒަފުން ވަކިކުރުމުގެ މަސައްކަތް “ރައިޓް ސައިޒް” ކުރުމުގެ ނަމުގައި ކުރި ނަމަވެސް، މިއީ އިންތިހާބީ ނަތީޖާއާ ގުޅިގެން ނިންމި ނިންމުމެއް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

އޭގެ އިތުރުން ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ގައުމުގެ އިގްތިސާދީ ހާލަތު ދަށަށް ގޮސް، ޑޮލަރުގެ އަގު ބޮޑުވުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަރަޖަ ދަށްވުން ފަދަ ކަންކަން ފޮރުވުމަށް އެކި ބަހަނާތައް ދައްކަމުންދާ ކަމަށްވެސް ފިއްޓޭ ވިދާޅުވިއެވެ. އަދި ސަރުކާރުގެ އަމަލުތަކުގެ ނޭދެވޭ އަސަރު ސީދާ ފޯރަނީ އާންމު ރައްޔިތުންނަށް ކަމަށްވާއިރު، ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުމުގައި މަޖިލިސް މެންބަރުން ފަސްޖެހިވަޑައިނުގެން މަސައްކަތް ކުރައްވަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރު ބޭއްވުނު ކައުންސިލް އިންތިހާބާއި ރެފަރެންޑަމާ ދިމާކޮށް އެތައް ސަތޭކަ ބަޔަކަށް ވަޒީފާގެ ލިޔުން ދިނުމަށްފަހު، އިންތިހާބުން ސަރުކާރު ބަލިވުމުން 13,800 އަށްވުރެ ގިނަ މުވައްޒަފުން ވަކިކުރަން ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ފިއްޓޭ ވިދާޅުވިއެވެ. އެސްއޯއީތަކުގައި 42,000 އަށްވުރެ ގިނަ މުވައްޒަފުން ތިބިއިރު، މި ނިންމުމުގެ ސަބަބުން ގިނަ އަދަދެއްގެ އާއިލާތަކެއް ހާލުގައި ޖެހޭނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވިއެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close