ތިން ރައީސުންގެ އިއްތިހާދުގެ ދުވެލި މަޑުޖެހިއްޖެ، އެކަމަކު މަސައްކަތް ހުއްޓައެއް ނުލާ: ނަޝީދު

ކުރީގެ ތިން ރައީސުން ގުޅިގެން ސިޔާސީ ގޮތުން ފަށްޓަވާފައިވާ މަސައްކަތްތަކުގެ ދުވެލި ކުރިއަށްވުރެ ބޮޑަށް މަޑުޖެހިފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ، ތިން ބޭފުޅުން އެކުގައި ފެއްޓެވި ހަރަކާތްތައް މުޅިން ހުއްޓިފައި ނުވި ނަމަވެސް، ކުރިން އުންމީދު ކުރި ފަދަ ބާރު ސްޕީޑެއްގައި މިހާރު މަސައްކަތްތައް ކުރިއަށް ނުދާ ކަމަށެވެ.
އިދިކޮޅު ސިޔާސީ މައިދާނުގައި ނުފޫޒުގަދަ ތިން ޝަޚުޞިއްޔަތު ކަމަށްވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އެކުގައި މަސައްކަތް ކުރެއްވުމަށް އަތްގުޅާލެއްވި ނަމަވެސް، މިހާތަނަށް އެ ބޭފުޅުންނަށް ބޭއްވިފައިވަނީ އެންމެ ބައްދަލުވުމެކެވެ. އަދި މި ސިލްސިލާގެ ތެރެއިން އެ ބޭފުޅުން ކަނޑައަޅުއްވާފައިވާ މަންދޫބުންގެ މެދުގައި ދެ ފަހަރެއްގެ މަތިން މަޝްވަރާތައް ބާއްވާފައިވެއެވެ.
މި އިއްތިހާދުގެ ދެވަނަ ރަސްމީ ބައްދަލުވުމެއް ބޭއްވުމަށް ތާވަލުކޮށް އެޖެންޑާ ކުރެވުނު ނަމަވެސް، އެކި ސަބަބުތަކާހުރެ އެ ބައްދަލުވުން ވަނީ ކުރިއަށް ނުގެންދެވި ކެންސަލް ކުރަން ޖެހިފައެވެ.
މި މަސައްކަތްތައް މަޑުޖެހުމާ ދިމާވި ސަބަބުތަކުގެ ތެރޭގައި ސިޔާސީ ބައެއް ޚިޔާލުތަފާތުވުންތައް ހިމެނޭއިރު، ދާދިފަހުން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެން ރައީސް ނަޝީދުގެ ސަޕޯޓަރުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. ހަމައެއާއެކު، ޔާމީންގެ ސަޕޯޓަރުން ވެސް ވަނީ ރައީސް ނަޝީދުގެ ސިޔާސީ ވިސްނުންތަކަށް ފާޑުކިޔައި ރައްދު ދީފައެވެ.
މީގެ އިތުރުން، ކުރީގެ ގާތް ދެ ރަހުމަތްތެރިން ކަމަށްވާ ރައީސް ނަޝީދާއި ރައީސް ޞާލިޙްގެ ދެމެދުގައި އޮތް ސިޔާސީ އަދި ޒާތީ ގުޅުން ވެސް މިހާރު އެހާ އޮމާންކޮށް ކުރިއަށް ނުދާކަން ފާހަގަކުރެވެއެވެ.

