ޚަބަރު

ފުލުހުންގެ ތެރެއިން ނޭދެވޭ ނުފޫޒުތައް ކަނޑުވާލައި، މަސްތުވާތަކެއްޗާ ދެކޮޅު މަސައްކަތް ވަރުގަދަކޮށްފި: ރައީސް

ދިވެހި ފުލުހުންގެ މުައްސަސާގެ ތެރޭގައި ކުރިން އޮތް ނާޖާއިޒު ނުފޫޒުތައް އެއްކޮށް ނައްތާލެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

“ދަ ޕަލްސް” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އޮޕަރޭޝަންތަކުން އަތުލައިގަންނަ މަސްތުވާތަކެތި އަނބުރާ މުޖުތަމައަށް ދައުރުވުން ފަދަ ކަންކަމަށް މިހާރު ފުލުހުންގެ ތެރޭގައި އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށެވެ.

މަސްތުވާތަކެތީގެ ވަބާ ގައުމުން ފޮހެލެވޭނީ މަތިމަތިން ކަންކަން ކޮށްގެން ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިއީ ވަށާޖެހޭ ސިޔާސަތެއްގެ ދަށުން އޭގެ އަސްލާ ހަމައަށް ގޮސްގެން ހައްލުކުރެވޭނެ ކަމެއް ކަމަށެވެ. އަދި މިކަމުގައި ދައުލަތުގެ މުއައްސަސާތަކުގެ އިތުރުން އާއިލާތަކާއި މަދަނީ ޖަމްއިއްޔާތަކުގެ އެއްބާރުލުން ބޭނުންވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މަސްތުވާތަކެތިން ޒުވާނުން ސަލާމަތްކުރުންކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ކުށްކުރާ މީހުންނަށް އަދަބު ދިނުމާއެކު، އެމީހުން އިސްލާހުކޮށްގެން އަނބުރާ މުޖުތަމައަށް ގެނައުމުގެ ޕްލޭނެއް ގެންގުޅެންޖެހޭ ކަމަށެވެ. އަދި މި ވަބާގެ ސަބަބުން އާންމުންގެ މުދަލަށާއި ވިޔަފާރިތަކަށް ލިބޭ ގެއްލުންތަކާ ގުޅިގެން ރައްޔިތުންގެ ކިބައިގައި ހުންނަ ރުޅިވެރިކަމަކީ ޖާއިޒު އިހުސާސެއްކަން ގަބޫލުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ފުލުހުންގެ ހިދުމަތުގެ ކެޕޭސިޓީ އިތުރުކޮށް ހަރުދަނާކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ، މި ފިޔަވަޅުތަކާއެކު ގޭންގު ކުށްތައް މަދުވެ، ގޭންގުތަކާ ގުޅުންހުރި މަރުގެ ހާދިސާތައް މިހާރު ހުއްޓުވިފައިވާ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close