ޚަބަރު

ޕޯސްޓްމޯޓަމް ހެދުމަށްޓަކައި އުދައްޔުގެ ހަށިގަނޑު ބޭރަށް ފޮނުވައިފި

ގއ.މާމެންދޫގައި ހިނގި މާރާމާރީއެއްގައި ޒަޚަމް ތަކަކާއެކު މަރުވި އަހުމަދު އުދައްޔުގެ ޕޯސްޓް މޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާލައިފިއެވެ.

17 އަހަރުގެ އުދައްޔު މަރާލާފައިވަނީ، މިމަހުގެ 8 ވަނަ ދުވަހުގެރޭ އޭނާގެ އުފަން ރަށް ގއ.މާމެންދޫގައި ދެ ގްރޫޕެއްގެ މެދުގައި ހިންގި މާރާމާރީއެއްގައެވެ. ފުލުހުން ވިދާޅުވީ އުދައްޔުގެ ހަޑިގަނޑު މާލެ ގެނެސްފައިވަނީ މިމަހުގެ 10ވަނަ ދުވަހުއެވެ. ފުލުހުން ވިދާޅުވީ އުދައްޔުގެ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ފޮނުވާފައިވަނީ އިންޑިޔާގެ ޓްރިވެންޑްރަމްގައި ހުންނަ މެޑިކަލް ކޮލެޖު ހޮސްޕިޓަލަށް ކަމުގައެވެ.

މި ޙާދިސާއާ ގުޅިގެން މިހާތަނަށް 5 މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެތެރޭގައި ހިމެނެނީ އުމުރުން 27 އަހަރުގެ މީހަކާ، 25 އަހަރުގެ މީހަކާ، 23 އަހަރުގެ މީހަކާ، 18 އަހަރުގެ 2 މީހުންނެވެ. މީގެތެރެއިން 3 މީހުން ހައްޔަރުކޮށްފައިވަނީ ޙާދިސާ ހިނގި ރެއެވެ.

ފުލުހުން ވިދާޅުވީ ބަންދުގައި ބައިތިއްބައިގެން ތަޙުޤީޤު ކުރިއަށްގެންދިއުމަށް، މީގެތެރެއިން 2 މީހުންނަށް ކޯޓުން 15 ދުވަހުގެ މުއްދަތު ޖަހާފައިވާކަމަށެވެ. އަދި އަނެއް މީހާއަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާކަމަށް ފުލުހުން ބުނެއެވެ. މިމައްސަލާގައި އެންމެ ފަހުން ހައްޔަރުކުރި ދެ މީހުންގެ ބަންދަށްވެސް ކޯޓުންވަނީ 15 ދުވަހުގެ މުއްދަތު ޖަހައިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close