ކުޅިވަރު

ވޯލްޑް ކަޕް 2026: ފޯރިގަދަ ކުޅުމަކަށްފަހު ތުރުކީ އަތުން އެމެރިކާ ބަލިވެއްޖެ

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ޑީގެ ފަހު މެޗުގައި ތުރުކީން 3-2 ގެ ނަތީޖާއަކުން އެމެރިކާ ބަލިކޮށްފިއެވެ.

ލޮސް އެންޖެލިސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގެ 98 ވަނަ މިނެޓުގައި ތުރުކީން ވަނީ ލަނޑެއް ޖަހައި މެޗުން މޮޅުވެފައެވެ. މިއީ މުބާރާތުން ކަޓާފައިވާ ތުރުކީ ޓީމަށް ލިބުނު ފަހުރުވެރި މޮޅެކެވެ.

މި މެޗުން ބަލިވި ނަމަވެސް، ގިނަ ބަދަލުތަކަކާއެކު ނުކުތް އެމެރިކާ ޓީމު ވަނީ ކުރިންވެސް ގްރޫޕް ޑީގެ އެއްވަނަ މަގާމު ކަށަވަރުކޮށްފައެވެ. މި ނަތީޖާއާއެކު އެމެރިކާ މުބާރާތުގެ ގަދަ 32 ގެ ބުރުގައި ބައްދަލުކުރަން ޖެހޭނީ ބޮސްނިއާ އެންޑް ހެރްޒެގޮވީނާއާއެވެ.

މި ފޯރިގަދަ މެޗު ފެށިގެން ތިންވަނަ މިނެޓުގައި އެމެރިކާގެ ކޯނަރަކުން އޮސްޓިން ޓްރަސްޓީ ވަނީ ލަނޑެއް ޖަހައި އެޓީމަށް ކުރިހޯދައިދީފައެވެ. މިއީ އެމެރިކާގެ ވޯލްޑް ކަޕް ތާރީޚުގައިވެސް ޖެހި ދެވަނައަށް އެންމެ އަވަސް ލަނޑެވެ. ނަމަވެސް މެޗުގެ 10 ވަނަ މިނެޓުގައި ރެއާލް މެޑްރިޑްގެ ޒުވާން ތަރި އަރްދާ ގުލެރް ވަނީ ތުރުކީއަށް ނަތީޖާ ހަމަހަމަކޮށްދީ، މި މުބާރާތުގައި އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

އެމެރިކާގެ ލަނޑެއް އޮފްސައިޑް ކަމަށް ނިންމިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި، މެޗުގެ 31 ވަނަ މިނެޓުގައި ބަރިޝް އަލްޕަރް ޔިލްމާޒް ވަނީ ތުރުކީއަށް މެޗުގެ ލީޑު ހޯދައިދީފައެވެ. އެހެންނަމަވެސް، ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި އެމެރިކާގެ މިޑްފީލްޑަރު ސެބަސްޓިއަން ބާހަލްޓާ ވަނީ ހިތްގައިމު ހަމަލާއަކުން މެޗުގެ ނަތީޖާ 2-2 އަށް ބަދަލުކޮށްފައެވެ.

މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް، ތުރުކީ މޮޅުކޮށްދިން ލަނޑު މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ކާން އަޔހާންއެވެ. މި ނަތީޖާއާއެކުވެސް އެމެރިކާ ގްރޫޕްގެ އެއްވަނައިގައި އޮތްއިރު، ދެވަނަ ހޯދި އޮސްޓްރޭލިއާވެސް ވަނީ މުބާރާތުގެ އަނެއް ބުރަށް ދަތުރުކޮށްފައެވެ. ގްރޫޕްގެ ތިންވަނަ ޕެރަގުއޭއަށް ލިބުނުއިރު، ތުރުކީ ނިންމާލީ ހަތަރުވަނައިގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close