ކުޅިވަރު

ބާސެލޯނާ ޗެމްޕިއަންސް ލީގު ކަށަވަރުކޮށްފި

ރޭކުޅުނު މެޗުގައި 2-1ން ރެއާލް ބެޓިސް ބަލިކޮށް، ބާސެލޯނާ އިން މި ފަހަރުގެ ސްޕެނިޝް ލީގުގެ ގަދަ ހަތަރެއް ކަށަވަރުކޮށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދައިފި އެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކެޓި ބާސެލޯނާ ވަނީ 18 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޔޫރޮޕާ ލީގު (ޔުއެފާ ކަޕް)ގައި ކުޅެފަ އެވެ. އެ މުބާރާތުގެ ކުއާޓާ ފައިނަލުން ކެޓީ ޖަރުމަނުގެ އައިންޓްރަކްޓް ފްރޭންކްފާޓް އަތުންނެވެ. ސީޒަނުގެ ކުރީކޮޅުގައި ކޯޗަކަށް ހުރި ރޮނާލްޑް ކޫމަންގެ އިރުޝާދުގެ ދަށުން ބާސެލޯނާގެ ނަތީޖާތަށް ގޯސްވި ނަމަވެސް ކޫމަން ވަކިކޮށް ނޮވެމްބަރު މަހު ޒަވީ ހެނާންޑޭޒް ޓީމާ ހަވާލުވި ފަހުން ނަތީޖާ ރަނގަޅުވާން ފެށި އެވެ.

ބާސެލޯނާ އިން މިރޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކޮށްފައި މި ވަނީ އެ ޓީމަށް ލީގުގައި ބާކީ ތިން މެޗު އޮއްވަ އެވެ. ލީގުގެ އެއް ވަނައިގައި އޮތީ ޗެމްޕިއަންކަން ޔަގީންކޮށްފައިވާ ރެއާލް މެޑްރިޑް އެވެ. އެއީ 34 މެޗުން 81 ޕޮއިންޓް ހޯދައިގެންނެވެ. ބާސެލޯނާ ދެ ވަނައިގައި އޮތީ 35 މެޗުން 67 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ސެވިއްޔާ އަށް ވަނީ 34 މެޗުން 64 ޕޮއިންޓް ލިބިފަ އެވެ.

ހަތަރު ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވަނީ 34 މެޗުން 61 ޕޮއިންޓް ލިބިފަ އެވެ. ބެޓިސް ފަސް ވަނައިގައި އޮތީ 35 މެޗުން 59 ޕޮއިންޓް ހޯދައިގެންނެވެ.

ބެޓިސް ދަނޑުގައި މިރޭ ކުޅުނު މެޗުގެ ގޯލުތައް ފެނުނީ މެޗުގެ ފަހު ކޮޅުގަ އެވެ. ބާސެލޯނާ އަށް ލީޑުނަގައިދިނީ ބަދަލަކަށް ކުޅެން އެރި އަންސޫ ފާޓީ އެވެ. މެޗުގެ 76 ވަނަ މިނިޓްގައި ފާޓީ މި ގޯލު ޖެހީ އަލްބާ ދިން ބޯޅައަކުންނެވެ. ބެޓިސްގެ ގޯލުގައި ހުރި ރުއީ ސިލްވާ އަށް އެ ބޯޅަ ހުއްޓުވޭގޮތެއްނުވި އެވެ.

ބާސެލޯނާ އަށް ލީޑުގައި އޮވެވުނީ ތިން މިނިޓް ވަންދެނެވެ. ބެޓިސް އިން ވަނީ މެޗުގެ 79 ވަނަ މިނިޓްގައި މާކް ބާޓްރާ ޖެހި ގޯލުން އެއްވަރުކޮށްފަ އެވެ. ކުރިން ބާސެލޯނާ އަށް ކުުޅުނު ބާޓްރާ މި ގޯލު ޖެހީ ނަބީލް ފެކީރްގެ ހިލޭ ޖެހުމަކުން ބޮލުންނެވެ. މިއީ 2020 ވަނަ އަހަރުގެ ޖޫން މަހަށް ފަހު ބާޓްރާ ޖެހި ފުރަތަމަ ގޯލެވެ.

މެޗު އެއްވަރުވެގެން ނިމޭނެ ކަމަށް ބަަލައިގެން ހުއްޓައި، ބާސެލޯނާ މޮޅުވީ އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގައި ޖެހި ގޯލުންނެވެ. މިއީ ޑެނީ އަލްވޭސް ނެގި ހުރަހަކުން އަލްބާ ޖެހި ގޯލެކެވެ. އަލްބާ ވޮލީ އަކުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ތެރެއަށެވެ. މި ލަނޑަށް ފަހު ބާސެލޯނާ ކުޅުންތެރިން ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close