ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު 15,000 އަށްވުރެ ގިނަ ވޭޕް ކަސްޓަމްސްއިން އަތުލައިގަނެފި

ކަނޑުމަގުން ރާއްޖެ އެތެރެކުރި “ޖެނެރަލް ކާގޯ” ނުވަތަ އާންމު މުދާ ޝިޕްމަންޓެއްގެ ތެރޭގައި ވަރަށް ބޮޑަށް ފޮރުވައިގެން އެތެރެކުރަން އުޅުނު 15,601 ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ. މި ތަކެތި އަތުލައިގަނެފައިވަނީ ޖޫން މަހުގެ 18 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ.
މިއީ 15 ނޮވެންބަރު 2024 އިން ފެށިގެން ރާއްޖެއަށް ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓް އެތެރެކުރުން މަނާކުރި ފަހުން ކަސްޓަމްސްއިން އަތުލައިގަތް އެންމެ ބޮޑު ޝިޕްމަންޓެވެ. ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފާއިތުވި ފަސް ދުވަހުގެ ތެރޭގައި އެކަނިވެސް ހިންގި ތަފާތު ތިން އޮޕަރޭޝަނެއްގައި ޖުމްލަ 22,309 ވޭޕް ކާޓްރިޖް ވަނީ އަތުލައިގަނެފައެވެ.
ވޭޕް އެތެރެކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާ އެއްގޮތަށް، ޤާނޫނާ ޚިލާފަށް މިފަދަ ތަކެތި އެތެރެކުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމުގެ މަސައްކަތް ކަސްޓަމްސްއިން ދަނީ ކުރަމުންނެވެ. މި މައްސަލައާ ގުޅިގެން ކުރަންޖެހޭ އިތުރު ތަޙުޤީޤުތައް އެ އިދާރާއިން މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.
