ބޭރުދުނިޔެ

ކިނބޫ ކޮށިތެރެއަށް ކުއްޖަކު ވެއްޓުން – ހައްޔަރުކުރި މީހާ ދޫކޮށްލައިފި

އިނގިރޭސިވިލާތުގެ ޕްރައިވެޓް ޒޫއެއްގެ ކިނބޫ ކޮށި ތެރެއަށް ތިން އަހަރުގެ ކުއްޖަކު ވެއްޓި، ބޮޑެތި އަނިޔާތަކެއް ލިބުނު ހާދިސާއާ ގުޅިގެން ހައްޔަރުކުރި މީހާ ކަފާލާތުގެ ދަށުން ދޫކޮށްލައިފިއެވެ.

އިނގިރޭސިވިލާތުގެ އިރުމަތީ ސަރަހައްދެއްގައި ހުންނަ “ޖޯންސަންސް އޮފް އޯލްޑް ހާރސްޓް” ޒޫގައި ހިނގި މި ހާދިސާގައި އަނިޔާވި ކުޑަކުއްޖާއަށް ކޭމްބްރިޖްގެ ހޮސްޕިޓަލެއްގައި ފަރުވާދެމުންދާއިރު، އެ ކުއްޖާގެ ހާލަތު ސީރިއަސް ނަމަވެސް މިހާރު ހާލު ހަމައަކަށް އެޅެމުންދާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ކުރިން ހައްޔަރުކުރީ ނޯފޯކް ސަރަހައްދަށް ނިސްބަތްވާ 30 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކުރީ ގަސްތުގައި މީހަކު މަރާލަން އުޅުމުގެ ތުހުމަތުގައެވެ. ނަމަވެސް، ފުލުހުން ފަހުން ހާމަކުރި ގޮތުގައި އެ މީހާގެ ނަފްސާނީ ހާލަތު ހުރިގޮތުން ސުވާލުކުރެވޭ ފަދަ ހާލަތެއްގައި ނެތުމުން، އަންނަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހާ ހަމައަށް އޭނާ ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ.

ފުލުހުން ބުނާ ގޮތުގައި، ހަމަލާދިން މީހާއާއި އަނިޔާވި ކުއްޖާއާ ދެމެދު އެއްވެސް ގުޅުމެއް އޮތް ކަމަކަށް މިހާތަނަށް ބެލެވިފައެއް ނުވެއެވެ. އަދި ކުއްޖާއަށް އަނިޔާވީ ސީދާ ކިހިނެއް ކަމެއް ފުލުހުން ސާފުކޮށްދީފައެއް ނުވެއެވެ.

“ޒޫގެ މުވައްޒަފުން ވަނީ އެ ކުއްޖާ ކޮށި ތެރެއިން ނެރެ، ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން އެ ތަނުގައި ފުރަތަމަ އެހީ ދީފައި،” ޑިޓެކްޓިވް އިންސްޕެކްޓަރ ވެރިޓީ މެކޭން ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ފުލުހުންގެ ވިސްނުން ހުރީ އަނިޔާވި ކުއްޖާއާއި އެ ކުއްޖާގެ އާއިލާއާ އެކުގައި ކަމަށާއި، މި ދަތި ވަގުތުގައި އާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

“ޖޯންސަންސް އޮފް އޯލްޑް ހާރސްޓް” އަކީ ޒޫއެއްގެ އިތުރުން ކަސް ކުރާ ތަނެކެވެ. އޭގެ ތެރޭގައި އެއްގަމު މަސް ވިއްކާ ފިހާރައަކާއި، ދަނޑުވެރިކަމުގެ އުފެއްދުންތައް ވިއްކާ ފިހާރައަކާއި، ސައި ހޮޓަލެއްގެ އިތުރުން ސްޓޭކްހައުސްއެއް ހިމެނެއެވެ.

މި ހާދިސާއާ ގުޅިގެން، ކުއްޖާގެ އާއިލާއަށް އިހުތިރާމް ކުރުމުގެ ގޮތުން އެ ތަނުގެ “ޓްރޮޕިކަލް ހައުސް” ވަގުތީ ގޮތުން ބަންދުކޮށްފައިވީ ނަމަވެސް، ޒޫގެ އެހެން ބައިތައް ވަނީ ހުޅުވާފައެވެ.

އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކުއްޖާ ސަލާމަތްކުރީ ޒޫގެ ވެރިޔާގެ އަންހެނުން ކޮށި ތެރެއަށް ފުންމާލައިގެންނެވެ. މި ޒޫގައި ސިންގާ، މިނިކާވަގު، އަދި ކިބޫ ހިމެނޭހެން 100 އަށްވުރެ ގިނަ ޖަނަވާރު ގެންގުޅެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close