ރިސޯޓު ތަރައްޤީކުރަން ރަށްތައް ކުއްޔަށް ދޫކުރެވޭނީ ސަރުކާރުގެ %45 ހިއްސާ އޮންނަ ކުންފުނިތަކަށް

ދައުލަތުގެ ކުންފުނިތަކުން ޓޫރިސްޓް ރިސޯޓު ނުވަތަ އިންޓަގްރޭޓަޑް ރިސޯޓު ތަރައްޤީކުރުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދޫކުރެވޭނީ ސަރުކާރުގެ މަދުވެގެން %45 ހިއްސާ އޮންނަ ކުންފުނިތަކަށް އެކަނި ކަމަށް ސަރުކާރުން ކަނޑައަޅައިފިއެވެ. އަލަށް އެކުލަވާލި ގަވާއިދުގައިވާ ގޮތުން، މިފަދަ ތަންތަން ދޫކުރެވޭނީ ވަޒީރުންގެ މަޖިލީހުން ފާސްކޮށްގެން، އެ މަޝްރޫޢެއް ހިންގުމުގެ މާލީ އަދި ފަންނީ ޤާބިލުކަން ހުރި ކުންފުނިތަކަށެވެ.
މި ގަވާއިދުގެ ދަށުން ކުންފުނިތަކުން ލީސް އިކުއިޒިޝަން ފީ ދެއްކުމުގެ އިތުރުން، ސީއެސްއާރުގެ ގޮތުގައި 500,000 ޑޮލަރު ޓޫރިޒަމް ޓްރަސްޓް ފަންޑަށް ޖަމާކުރަންޖެހެއެވެ. ނުވަތަ އެ އަދަދަށްވާ ވަރަށް ރަށްރަށުގައި އިޖުތިމާޢީ މަރުކަޒުތައް ބިނާކުރުމާއި، ކުޅިވަރު ދަނޑުތައް ހެދުން ނުވަތަ އިންސާނީ ވަސީލަތް ތަރައްޤީކުރުން ފަދަ ސަރުކާރުން ކަނޑައަޅާ މަޝްރޫޢުތަކަށް ޚަރަދުކުރަން ޝަރުތުކުރެވޭނެއެވެ.
ކުއްޔަށް ދޫކުރާ ކޮންމެ ތަނަކީވެސް ރައީސުލްޖުމްހޫރިއްޔާ ފަތުރުވެރިކަމަށް ކަނޑައަޅުއްވާފައިވާ ތަނަކަށް ވާންޖެހޭއިރު، އެއްބަސްވުމުގައި ސޮއިކުރާތާ 14 ދުވަހުގެ ތެރޭގައި އެކަމުގެ މަޢުލޫމާތު އޮޑިޓަރ ޖެނަރަލްގެ އޮފީހާ ހިއްސާކުރުން ވަނީ ލާޒިމްކޮށްފައެވެ. މި އުސޫލު މީހުން ދިރިއުޅޭ ރަށްރަށުގައި ސަރުކާރު ކުންފުނިތަކުން ތަރައްޤީކުރާ ހޮޓަލާއި ގެސްޓްހައުސްތަކަށްވެސް ހިނގާނެކަމަށް އުސޫލުގައި ބުނެފައި ވެއެވެ.

