ރައީސުލްޖުމުހޫރިއްޔާ ނިންމެވިގޮތަށް “ކަނޑުގެ ސަރަހައްދު” ބަލަހައްޓަމުން ގެންދާނަން: ދިފާޢީ ވުޒާރާ

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ނިންމެވުމާ އެއްގޮތަށް، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު (އީ.އީ.ޒެޑް) ކުރިންވެސް އޮތްގޮތަށް 200 ނޯޓިކަލް މޭލަށް ބަލައި، އެ ސަރަޙައްދު ދިވެހި އަސްކަރިއްޔާއިން ބަލަހައްޓަމުން ގެންދާނެކަން ދިފާޢީ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
ރައީސް މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި ވަނީ، އިޓްލޮސްގެ ނިންމުމާއެކު ރާއްޖޭގެ ސަރަޙައްދުން ބައެއް އުނިވެފައިވާ ކަމަށް ދައުލަތުން ބަލައިނުގަންނަކަމަށް އިޢުލާން ކުރައްވާފައެވެ.
ދިފާޢީ ވުޒާރާއިން ވިދާޅުވީ، ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ދިވެހި ސިފައިންނާ މަތިކޮށްފައިވާ ޒިންމާ އަދާކުރުމުގައި، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަކީ ޤާނޫނުގައި ބަޔާންކުރާ 200 ނޯޓިކަލް މޭލުގެ ސަރަޙައްދު ކަމަށް ބަލާނެ ކަމަށެވެ. އަދި 1976 ވަނަ އަހަރު ރާއްޖޭގެ އުތުރުގެ ސަރަޙައްދު ކަނޑައެޅުމަށް ވެފައިވާ އެއްބަސްވުން ފިޔަވައި، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބައެއް ގެއްލިދާނެ ފަދަ އެއްވެސް އެއްބަސްވުމެއް ސަރުކާރުން ބަލައިނުގަންނާނެކަމަށްވެސް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
މި ނިންމެވުން ތަންފީޒު ކުރުމުގެ ގޮތުން، ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށް އެމް.އެން.ޑީ.އެފް ކޯސްޓްގާޑާއި އެއަރ ކޯރގެ ޑްރޯންތައް ބޭނުންކޮށްގެން ޚާއްޞަ ސަވައިލަންސް އޮޕަރޭޝަނެއް މިހާރު ވަނީ ފަށާފައެވެ. ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ހޯއްދަވައިދެއްވި ޒަމާނީ ވަޞީލަތްތަކާއެކު، ރާއްޖޭގެ ސަރަޙައްދާއި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުމުގައި ދިވެހި އަސްކަރިއްޔާއިން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ދިފާޢީ ވުޒާރާއިން ވަނީ ދެއްވާފައެވެ.


