ބޯހިޔާވަހިކަމުގެ އައު އުސޫލުތަކާއެކު ގޯއްޗާއި ފުލެޓަށް އެދުމުގެ ފުރުޞަތު އަންނަ މަހު ހުޅުވާލަނީ

ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން، “އާއިލީ ބޯހިޔާވަހިކަން” ޕްރޮގްރާމްގެ އުޞޫލުތަކަށް މުހިންމު ބަދަލުތަކެއް ގެނެސް، ގޯއްޗަށާއި ފުލެޓަށް އެދުމުގެ ފުރުޞަތު އަންނަ މަހުގެ 15 ވަނަ ދުވަހު ހުޅުވާލުމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ. މި ފުރުޞަތު އަންނަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާނެކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.
މި ބަދަލުތައް ގެނެސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ބޭއްވެވި ރައްޔިތުންގެ ބައްދަލުވުންތަކުގައި ހުށަހެޅުނު ކަންބޮޑުވުންތަކަށާއި، ވުޒާރާއަށް ލިބުނު ޚިޔާލުތަކަށް ރިޢާޔަތްކުރުމަށް ފަހުގައެވެ. މީގެ މަޤްޞަދަކީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ބޯހިޔާވަހިކަމުގެ ފުރުޞަތުތައް ފަހިކޮށްދިނުންކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
އައު އުޞޫލުތަކުގެ ދަށުން، 1 ނުވަތަ 2 ކޮޓަރީގެ ސަރުކާރު ހައުސިންގ ޔުނިޓެއް ލިބިފައިވާ ފަރާތްތަކަށް (ދަރިން ތިބޭނަމަ) އެތަން ދޫކޮށްލުމަށް އެއްބަސްވާނަމަ 3 ކޮޓަރީގެ ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ވަނީ ދީފައެވެ. އަދި އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ގްރޭޓަރ މާލެ ސަރަހައްދު ފިޔަވައި އެހެން ރަށަކުން 400 އަކަފޫޓަށްވުރެ ބޮޑު ބިމެއް ނުވަތަ ގޯއްޗެއް އޮތް ނަމަވެސް، މާލެއިން ބިމަށް ނުވަތަ ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ލިބޭނެއެވެ.
މި ޕްރޮގްރާމުގެ ދަށުން މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 3,000 ގޯތި އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކުން 2,000 ގޯތި ދިނުމަށް ވަނީ ހަމަޖެހިފައެވެ. ގޯތިތައް ދޫކުރާނީ ގްރޭޓަރ މާލެ ސަރަޙައްދުންނާއި ރަސްމާލެއިންނެވެ. ފުލެޓަށް ބަލާއިރު، ޖުމްލަ 7,900 ފުލެޓު ދޫކުރުމަށް ހަމަޖެހިފައިވާއިރު، އަމިއްލަ ބޯހިޔާވަހިކަމެއް ނެތް ޢާއިލާތަކަށާއި، ނުކުޅެދުންތެރިކަން ހުރި ފަރާތްތައް ތިބި ޢާއިލާތަކަށާއި، މުސްކުޅި މައިންބަފައިންނާއި ދަރިން ބަލާ ޢާއިލާތަކަށް އިސްކަން ލިބޭނެއެވެ.
މި އާ އުޞޫލުތައް ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމާއެކު، ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ކޮށްފައިވާ އިޢުލާންތައް މިހާރު ވަނީ ބާޠިލުކޮށްފައެވެ.


