މާލެ ސަރަޙައްދުގައި 7،900 ހައުސިންގ ޔުނިޓް އެޅުމުގެ ޢަމަލީ މަސައްކަތް މިމަހު ފަށަނީ

މާލެ ސަރަޙައްދުގައި ތަރައްޤީކުރާ 7،900 ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ ތެރެއިން ބައެއް މަސައްކަތްތައް މިމަހު ފެށުމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން، ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުޞަތު މި މަހުގެ 15 އިން އޭޕްރީލް 14 އަށް ހުޅުވާލާނެކަމަށާއި، އަދި މި ފުރުޞަތު ޚާއްޞަކޮށްފައިވަނީ މާލޭގެ ރަށްވެހިންނަށާއި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ފަރާތްތަކަށްކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
އެ ވުޒާރާއިން ވިދާޅުވި ގޮތުގައި މި މަޝްރޫޢުގެ ދަށުން ފްލެޓް ދޫކުރާނީ ‘އެފޯޑަބަލް ހޯމް އޯނަރޝިޕް’ އަދި ‘ރެންޓް-ޓު-އޯން’ މޮޑެލްގެ ދަށުންނެވެ. ބޯހިޔާވަހިކަމަށް އެދޭ ފަރާތްތަކުގެ އަމިއްލަ ނަމުގައި ނުވަތަ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި 400 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް އޮވެގެން ނުވާނެއެވެ. އަދި މި މަޝްރޫޢުގައި އެކަނިވެރި މައިންނާއި ބަފައިންނަށް އިސްކަންދިނުމަށް ހަމަޖެހިފައިވާކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
މާލެ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 6،780 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ. މީގެ ތެރޭގައި ތިނަދޫ، ތުޅާދޫ އަދި ވިލުފުށި ފަދަ ރަށްތަކުގެ މަޝްރޫޢުތައް ހިމެނެއެވެ. ސަރުކާރުގެ އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ދައުރުގެ ތެރޭގައި މި ހުރިހާ މަޝްރޫޢުތަކެއް ނިންމައި، ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުންކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.


