ބޭރުދުނިޔެ

ވޯލްޑްކަޕް 2026: މިޞްރާއި ބެލްޖިއަމް ބައްދަލުކުރާ މެޗުގެ ކުރިން ދެ ޤައުމުގެ ސަފީރުން ޖާޒީ ބަދަލުކުރައްވައިފި

ވޯލްޑް ކަޕްގެ ގްރޫޕް ‘ޖީ’ ގެ ފުރަތަމަ މެޗުގައި ހޯމަ ދުވަހު ސިއެޓްލްގައި މިޞްރާއި ބެލްޖިއަމް ބައްދަލުކުރާ މެޗުގެ ކުރިން، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރިކަން ރަމްޒުކޮށްދިނުމުގެ ގޮތުން ދެ ޤައުމުގެ ސަފީރުން ގައުމީ ޓީމުގެ ޖާޒީ ބަދަލުކުރައްވައިފިއެވެ.

މީގެ ކުރިން ދުވަހަކުވެސް ވޯލްޑް ކަޕްގައި މި ދެ ޤައުމު ބައްދަލުކޮށްފައި ނުވާއިރު، އެކުވެރިކަމުގެ ހަތަރު މެޗެއްގައި ވަނީ ވާދަކޮށްފައެވެ. އޭގެ ތެރެއިން ތިން މެޗުން ކުރި ހޯދާފައިވަނީ މިޞްރެވެ.

މިޞްރުގެ މަޝްހޫރު ބައެއް ކުޅުންތެރިން ވަނީ ބެލްޖިއަމްގެ ކްލަބުތަކަށް ކުޅެފައެވެ. އޭގެ ތެރޭގައި ގެންޓަށް ކުޅުނު އަޙްމަދު ޙުސާމް (މިޑޯ) އާއި، އަންޑަލެކްޓަށް ކުޅުނު ޤައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަޙްމަދު ޙަސަންގެ އިތުރުން މަޙްމޫދު ޓްރެޒެގޭ ހިމެނެއެވެ.

ބްރަސަލްސްގައި ހުންނަވާ މިޞްރުގެ ސަފީރު އަޙްމަދު އަބޫ ޒައިދު އާއި ޤާހިރާގައި ހުންނަވާ ބެލްޖިއަމްގެ ސަފީރު ބާޓް ޑި ގްރޫފް ޖާޒީ ބަދަލުކުރައްވާ ފޮޓޯއަށް މީސްމީޑިއާގައި ވަނީ ބޮޑު ސަމާލުކަމެއް ލިބިފައެވެ.

ޤާހިރާގައި ހުންނަ ބެލްޖިއަމް އެމްބަސީގެ ރަސްމީ ޞަފުޙާގައި ބުނެފައިވަނީ، “ޖޫން މަހުގެ 15 ވަނަ ދުވަހު ދެ ބޮޑު ޓީމެއް ބައްދަލުކުރާނެ ކަމަށާއި، ދެ ޤައުމުގެ ދެމެދުގައި އޮތް ރަހުމަތްތެރިކަމާއި އިޙްތިރާމް ދެއްކުމުގެ ގޮތުން ސަފީރުން ވަނީ ޤައުމީ ޓީމުގެ ޖާޒީ ބަދަލުކުރައްވާފައި” ކަމަށެވެ.

ސަފީރު އަބޫ ޒައިދު ‘ޢަރަބް ނިއުސް’ އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މި މެޗު ކުޅޭ ވަގުތަކީ މިޞްރުގެ ޚާރިޖީ ވަޒީރު ބަދުރު ޢަބްދުލްޢާޠީ، މިޞްރު-ޔޫރަޕް އެސޯސިއޭޝަން ކައުންސިލްގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ބްރަސަލްސްއަށް ކުރައްވާ ދަތުރުފުޅާ ދިމާވާ ވަގުތެކެވެ. މި ދަތުރުފުޅުގައި ބަދުރު ޢަބްދުލްޢާޠީ ބެލްޖިއަމްގެ ޚާރިޖީ ވަޒީރު މެކްސިމް ޕްރެވޯއާ ބައްދަލުކުރައްވާނެއެވެ.

މިރޭގެ މެޗު ބެލުމަށްޓަކައި މިޞްރުގެ އެކި ކެފޭތަކާއި ކްލަބުތަކަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ޖަމާވާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، ޤާހިރާއާ 45 ކިލޯމީޓަރު ދުރުގައި އޮންނަ އައު އިދާރީ މަރުކަޒުގެ ‘ގްރީން ރިވަރު’ ސަރަޙައްދުގައި ސަޕޯޓަރުންނަށް ޚާއްޞަ ބޮޑު ފޭން ޒޯނެއް މިހާރު ވަނީ ހުޅުވާލާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close