ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނަށް ދެވަނަ ބެޗުގެ ޒުވާނުން ބ. ކިހާދޫއަށް ފުރައިފި

ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ދެވަނަ ބެޗް ފުރިހަމަކޮށް، އޭގެ ތެރެއިން ފަންނީ ތަމްރީނުތަކަށް ކުރިމަތިލީ ބައިވެރިން ބ. އަތޮޅު ކިހާދޫއަށް ފުރާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިޢުލާނު ކުރައްވައިފިއެވެ.
ރައީސް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ބައިވެރިން ތަމްރީނު ހަދާނީ ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފްގެ ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސްގައި ކަމަށެވެ. މި ބުރުގައި ރާއްޖޭގެ 17 އަތޮޅެއްގެ 50 ރަށަކަށް ނިސްބަތްވާ، 16 އަހަރާއި 19 އަހަރާއި ދެމެދުގެ 77 ޒުވާނުން ހިމެނޭއިރު، އެ ކުދިންނަށް ތަފާތު 6 ދާއިރާއަކުން ފަންނީ ހުނަރު އުނގަންނައިދެވޭނެއެވެ.
މި ޕްރޮގްރާމަކީ އަމިއްލަ ނަފުސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ޖިސްމާނީ އަދި ރޫޙާނީގޮތުން ދުޅަހެޔޮ، އަދި ޤައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ރައްޔިތެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ މުހިއްމު މަސައްކަތެކެވެ. ދިވެހި ވަޠަނީ ޚިދުމަތުގެ ދެވަނަ ބުރުގެ އަސާސީ ތަމްރީނުތަކުގައި ބައިވެރިވި 350 ކުދިންގެ ތެރެއިން 343 ކުދިން ވަނީ ކާމިޔާބުކަމާއެކު ތަމްރީނު ނިންމާލާފައެވެ. ކިހާދޫއަށް ފުރި 77 ބައިވެރިންނަކީ މި ބައިވެރިންގެ ތެރެއިން ވަކި ފަންނީ ދާއިރާތަކުން ކުރިއަށްދިއުމަށް ޝައުގުވެރިކަން ފާޅުކުރި ކުދިންނެވެ.
މީގެ ކުރިން ބޭއްވި އަސާސީ ތަމްރީނުގެ ފުރަތަމަ ބުރުން 344 ބައިވެރިން ދަސްވެނިވެފައިވާއިރު، އޭގެ ތެރެއިން 63 ބައިވެރިން ވަނީ ފަންނީ ދާއިރާތަކުން ތަމްރީނު ހޯދާފައެވެ. ނެޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގެ ދަށުން ކުރިއަށްގެންދާ މި ތަމްރީނުތަކަކީ ޒުވާނުންނަށް ބޭނުންވާ އަސާސީ ސިފަތަކާއި ފަންނީ ހުނަރުތައް އުނގަންނައިދީ، ޤައުމީ ޚިދުމަތަށް އެކުދިން ތައްޔާރުކުރުމަށް ހިންގޭ ޚާއްޞަ ހަރަކާތްތަކެކެވެ.

