އެމްޑީޕީ ޗެއާޕާސަން އިންތިހާބު: ލިސްޓަށް ގެނައި ބަދަލުތަކަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެ ޕާޓީން އިއްޔެ ހުޅުވާލައިފިއެވެ.
މި ފުރުސަތަކީ ވޯޓާސް ލިސްޓަށް ކުރިން ހުށަހެޅުނު ޝަކުވާތަކާއި ރީ-ރަޖިސްޓްރޭޝަނާ ގުޅިގެން ގެނެވުނު އިސްލާހުތަކަށް މުރާޖައާ ކުރުމަށް ދީފައިވާ ފުރުސަތެކެވެ.
ޝަކުވާ ހުށަހެޅުމަށް ދީފައިވަނީ ދެ ދުވަހުގެ މުއްދަތެކެވެ. އެގޮތުން މި މަހުގެ 27 ވާ ބުދަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް ގޫގުލް ފޯމު މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށް އެމްޑީޕީން ބުނެއެވެ. ނަމަވެސް، މި ފުރުސަތުގައި ބަލައިގަންނާނީ ހަމައެކަނި ގެނެވުނު ބަދަލުތަކާ ގުޅޭ ޝަކުވާތައް ކަމަށާއި، ކުރިން ހުށަހަޅާފައިނުވާ މުޅިން އާ ޝަކުވާތައް ބަލައިނުގަންނާނެ ކަމަށް އެ ޕާޓީން އިއުލާންކޮށްފައިވެއެވެ.
އަންނަ މަހުގެ 12 ވަނަ ދުވަހު ބާއްވާ މި އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމެވެ. މި އިންތިހާބަކީ އެމްޑީޕީގެ އެތެރޭގެ މަގާމުތަކަށް ބޭއްވޭ ވަރަށް ވާދަވެރި އިންތިހާބެކެވެ.

