ސަރުކާރާ ދެކޮޅަށް ކުރީގެ ތިން ރައީސުން ފެއްޓެވި ހަރަކާތުގެ މަންދޫބުން ކަނޑައަޅައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ‘ހަމައަކަށް އެޅުވުމަށް’ ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީން އަދި އިބްރާހީމް މުހައްމަދު ސޯލިހު ގުޅިގެން ފައްޓަވާފައިވާ ސިޔާސީ މަސައްކަތްތަކުގައި އިސްކޮށް އުޅުއްވާނެ މަންދޫބުން މިއަދު ކަނޑައަޅުއްވައިފިއެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ތިން ރައީސުން ބޭއްވި ބައްދަލުވުމެއްގައި، ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން އިއާދަކުރުމަށް ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފައެވެ.
މި ހަރަކާތުގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ތަމްސީލުކުރައްވާނީ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން ޕީއެންއެފްގެ ނައިބު ރައީސް މުހައްމަދު މަލީހު ޖަމާލާއި އިސްމާއިލް ޒަރިޔަންދު ހަމަޖައްސަވާފައިވާއިރު، ރައީސް ސޯލިހުގެ މަންދޫބުންނަކީ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ސަލީމް (ސައްލެ) އާއި އަލިފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.
ތިން ރައީސުންގެ މަންދޫބުން ހިމެނޭ މި ޓީމު އެކުލަވާލާފައިވަނީ، ސަރުކާރުގެ މިސްރާބު ބަދަލުކޮށް ޑިމޮކްރެޓިކް ހަމަތައް ގާއިމުކުރުމަށް ކުރާ މަސައްކަތްތައް ވިލަރެސްކުރުމަށެވެ. މިއީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި އިދިކޮޅު ފިކުރުގެ ތަފާތު ތިން ލީޑަރަކު އެއްގަލަކަށް އަރައި، މިފަދަ ވަރުގަދަ މަންދޫބުންގެ ޓީމަކާއެކު ސަރުކާރާ ދެކޮޅަށް މަސައްކަތް ފެއްޓެވި ފުރަތަމަ ފަހަރެވެ.


