ޚަބަރު

ތެލެސީމިއާ ކުދިންނަށް އޯގާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް އިލްތިމާސްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތެލެސީމިއާ ތަޙައްމަލުކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ، ބަދަހި ޤައުމެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ ބައިނަލްއަޤުވާމީ ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި ސޯސަލް މީޑިއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ދުވަހަކީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރުމަށް އަޅުގަނޑުމެންނަށް ހަނދާންކޮށްދޭ މުހިންމު ދުވަހެކެވެ.

ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި ތެލެސީމިއާ ތަޙައްމަލުކުރަމުންދާ ކޮންމެ ދިވެއްސަކީވެސް އަޅުގަނޑުމެންގެ ދަރިންނާއި އާއިލީ މެންބަރުންނެވެ. އެހެންކަމުން، ކޮންމެ ދިވެހި ދަރިއަކާއި އާއިލާއަކަށް މުޖުތަމައުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުރުން، ތެލެސީމިއާ ކުދިންނާއި އެ އާއިލާތަކަށް ބޭނުންވާ ސިއްޙީ އަދި އިޖުތިމާޢީ ރައްކާތެރިކަމާއި ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ބޮޑު ޒިންމާއެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ. ސަރުކާރުގެ އަމާޒަކީ މިފަދަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީގެން އޯގާތެރި މުޖުތަމައެއް ބިނާކުރުމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close