ޚަބަރު

ޓިކެޓުގެ އަގު ބޮޑުކުރަން ޖެހުނީ ސަރުކާރުން ދޭން ބުނި ސަބްސިޑީ ނުދޭތީ: މޯލްޑިވިއަން

ސަރުކާރު ހިއްސާވާ ކުންފުނި މޯލްޑިވިއަނުންކުރާ އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު ބޮޑުކުރަން ޖެހުނީ ސަރުކާރުން ދޭން އެއްބަސްވި ސަބްސިޑީ ނުދޭތީކަމަށް އައިލެންޑް އޭވިއޭޝަން ސާވިސަސް އިން ބުނެފިއެވެ.

އައިއޭސްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު މިހާދު މިއަދު ވިދާޅުވީ 2019 ވަނަ އަހަރު ސަރުކާރުގެ ސިޔާސަތާ ގުޅިގެން އެވްރެޖްކޮށް 300 ރުފިޔާގެ ޓިކެޓް އަގުހެޔޮކުރުމެއް ހުރިހާ ދާއިރާއަކަށް ގެނެވުނުކަމަށެވެ. އެހެންނަމަވެސް ސަރުކާރުން ދޭން އެއްބަސްވި ސަބްސިޑީ ދީފައިވަނީ ފުރަތަމަ އަހަރު އެކަނި ކަމަށް މިހާދު ވިދާޅުވިއެވެ.

“އެނގިވަަޑައިގަންނަވާނެ 2019 ވަނަ އަހަރު ސަރުކާރުގެ ސިޔާސަތާ ގުޅިގެން އެވްރެޖްކޮށް 300 ރުފިޔާގެ ޓިކެޓް އަގުހެޔޮކުރުމެއް ހުރިހާ ދާއިރާއަކަށް ގެނެވުނު. އެއާ އެކު ސަބްސިޑީއެއް ދިނުމަށް ވަނީ ހަމަޖެހިފައި، އެހެން ނަަމަވެސް އެންމެ ފުރަތަމަ އަހަރު އަޅުގަނޑުމެންގެ ކުންފުންޏަށް 35 މިލިޔަން ރުފިޔާގެ ސަބްސިޑީއެއް ދިނީ. އޭގެ ފަހުން ސަބްސިޑީއެއް މިއަދާ ހަމައަށް ވެސް ނުލިބޭ،” މިހާދު ވިދާޅުވިއެވެ.

މިހާދު ވިދާޅުވީ މަތިންދާބޯޓަށް އަޅާ ތެލުގެ އަގު ކޮވިޑް-19 ގެ ފަހުން ބޮޑުވެފައިވާކަމަށެވެ. މިގޮތުން ކޮވިޑްގެ ކުރިން ޖެޓްފިއުލް ލީޓަރެއްގެ އަގު ހުރީ 12 ރުފިޔާގައި ކަމަށް ވިޔަސް އޭގެ ފަހުން މިދިޔަ ސެޕްޓެމްބަރުމަހާ ހަމައަށް ލީޓަރެއް ހުރީ 22 ރުފިޔާއަށް ކަމަށެވެ.

“ރޫޓަކަށް އަޅާ ފްލައިޓެއްގެ [ފްލައިޓަކަށް ހިނގާ ހަރަދުގެ] 42 ޕަސެންޓަކީ ފިއުލް. އެކަމާ ގުޅިގެން އަޅުގަނޑުމެން ވާނީ ފިއުލް ސާޗާޖް ދެފަހަރެއްގެ މައްޗަށް އިތުރުކޮށްފައި” މިހާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އައިއޭސްގެ ހަރަދު ބޮޑުވި އަނެއް ސަބަބަކީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އަލަށް ހުޅުވި އެއާޕޯޓްތަކަށް ދަތުރުތައް ކުރަން ޖެހުނު އިރު އެ މަންޒިލްތަކަށް އެކަށީގެންވާ އަދަދަކަށް ޕަސެންޖަރުން ނުލިބުމެވެ.

އެތެރޭގެ ދަތުރުތައް އަގު ހެޔޮކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދެކެވެ. އައިއޭއެސް އިން އޮޕަރޭޓްކުރާ ގައުމީ އެއާލައިން “މޯލްޑިވިއަން”ގެ އެތެރޭގެ ދަތުރުތައް އަގުހެޔޮކުރީ އެ ވައުދާ އެއްގޮތަށް 2019 ވަނަ އަހަރުއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close