ޚަބަރު

ސަރުކާރުގެ ޓެކްސީ ހޯދަން ގުޅައިގެން އަށް މިނެޓު ހޭދަވޭ، އެޕްލިކޭޝަނާއެކު ލުޔެއް ލިބޭނެ: މިނިސްޓަރު ސަޢީދު

ސަރުކާރުން އަލަށް ފެށި ޓެކްސީގެ ޚިދުމަތް ހޯދުމަށް މިހާރު ފޯނުން ގުޅައިގެން އެވަރެޖުކޮށް އަށް މިނެޓާއި ހަތަރު ސިކުންތު ހޭދަވާ ކަމަށާއި، މިކަމަށް އޮތް ހައްލަކީ ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ތައާރަފުކުރާ މޯބައިލް އެޕްލިކޭޝަން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، ޓެކްސީއަށް އެދޭ މީހާއަށް ކާރު ލިބުމާ ހަމައަށް ހޭދަވާ ވަގުތުގެ އިތުރުން، ކޮންމެ ދަތުރަކަށް އެވަރެޖުކޮށް 12.2 މިނެޓު ހޭދަވާ ކަމަށް އެމްޓީސީސީގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ. މި ޚިދުމަތް ދިނުމަށް ބޭނުންކުރާ އެޕްލިކޭޝަން މިހާރު އެޕް ސްޓޯރުން އެޕްރޫވްކޮށްފައިވާތީ، މި ހަފުތާ ނުވަތަ އަންނަ ހަފުތާގެ ތެރޭގައި އާންމުންނަށް އެ ޑައުންލޯޑު ކުރެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިދިޔަ މަހުގެ ދެވަނަ ދުވަހު އެމްޓީސީސީއާ ހަވާލުކޮށްގެން ފެށި މި ޚިދުމަތަށް އޮތް ޑިމާންޑު ބޮޑުވުމުގެ ސަބަބުން، ހޮޓްލައިނަށް ގުޅައިގެން ޚިދުމަތް ހޯދުމުގައި ގިނަ ބައެއްގެ ޝަކުވާ ވަނީ އިތުރުވެފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ގިނަ އަދަދެއްގެ ބަޔަކު ގުޅި ނަމަވެސް ހުރިހާ ފޯނުތަކަށް ޖަވާބު ނުދެވޭ މައްސަލަ ކުރިމަތިވަނީ ފޯނުން ގުޅައިގެން ޚިދުމަތް ދޭން ޖެހުމުންނެވެ.

ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ސަޢީދު ވިދާޅުވީ، މިދިޔަ މަހުގެ 13 އިން 18 އަށް އެކަނިވެސް 11،128 ދަތުރު ކޮށްފައިވާ ކަމަށާއި، ޚިދުމަތް ފެށި ފަހުން ކޮންމެ ދުވަހަކުވެސް ދަތުރުތަކުގެ އަދަދު 50 އިންސައްތަ އިތުރުވަމުން އަންނަ ކަމަށެވެ. މިހާރު މި ޚިދުމަތް ދެނީ އާންމު ޓެކްސީތަކާ އެއް އަގުތަކެއްގައި ވެބް ޕޯޓަލެއް މެދުވެރިކޮށް ބުކިން ހަދައިގެންނެވެ.

ސަރުކާރުން 150 ކާރާއެކު މި މަޝްރޫއު ފެށީ މާލޭގެ ޓެކްސީގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް ނަމަވެސް، ޚާއްސަކޮށް ވާރޭވެހޭ ދުވަސްވަރު ކާރު ހޯދުމަށް އާންމުން އުފުލަންޖެހޭ ތަކުލީފުތަކަށް އަދިވެސް އެދެވޭ ބަދަލެއް ނާންނަކަމުގެ ކަންބޮޑުވުން އާންމުން ފާޅުކުރެއެވެ. މާލޭގެ ހަނި މަގުތަކާއި ހުޅުމާލެ ދަތުރުތަކަށް ޚާއްސަ ސައިޒުތަކުގެ ކާރުތައް ހިމެނޭ މި ލައިންގެ ޚިދުމަތް އެޕްލިކޭޝަނަށް ބަދަލުވުމުން މިހާރު ހުރި ގޮންޖެހުންތަކަށް ލުޔެއް ލިބޭނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close