ޚާއްޞަ ސަމާލުކަމެއް ދީގެން އީސަގެ މައްސަލަ ބެލުމަށް އީވާ އަންގަވައިފި
ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަގެ ގެވެށި އަނިޔާގެ މައްސަލައަކީ ހައިޕްރޮފައިލް މައްސަލައަކަށްވާތީ ހާއްސަ ސަމާލުކަމެއް ދީގެން އެކަން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަންގަވާފައިވާކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
އޮންލައިން ނޫސް “އަދަދު” އާ ދައްކަވަމުން ޖެންޑާ ކޮމެޓީގެ މުގައްރިރު ޖީހާން މަހްމޫދު ވިދާޅުވިކަމަށް އެނޫހުގައި ބުނެފައިވަނީ އީސަގެ މައްސަލައަކީ ހައިޕްރޮފައިލް މައްސަލައަކަށްވާތީ ހާއްސަ ސަމާލުކަމެއް ދީގެން އެކަން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަންގަވާފައިވާ ކަމަށެވެ.
އެހެންކަމުން އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ބަލަން ފަށައި އިޖުތިމާއީ ކޮމެޓީގެ މުގައްރިރުކަމުން އޭނާ ވަކިކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.
އީސަގެ ގެވެށި އަނިޔާގެ މައްސަލައެއް އަންގާރަ ދުވަހުގެ ދަންވަރު 1:30 ހާއިރު ހުށަހަޅާފައި ވަނީ އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމްގެ އަވަށްޓެރިއެކެވެ. އަސްރާއަކީ ނައިބު ރައީސް ފައިސަލް ނަސީމްގެ އެއްބަނޑުއެއްބަފާ ކޮއްކޮ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާ ވިދާޅުވިކަމަށް އަދަދު ނޫހުގައި ބުނެފައިވަނީ އިޖްތިމާއީ ކޮމެޓީގެ މުގައްރިރުކަމުން މެމްބަރު އީސަ ވަކި ކުރުމަށް ކޮމެޓީގެ ތިންބައިކުޅަ އެއްބައި މެމްބަރުން ސޮއި ކުރައްވައި ހުށަހަޅާފައިވާ ކަމަށެވެ.
