ސަރުކާރުގެ މިސްރާބު ބަދަލުކުރަން ރައްޔިތުން ބުނެފި، ސިޔާސަތުތައް އިސްލާހުކުރޭ: ރައީސް ޞާލިޙް

އިއްޔެ ބޭއްވި ކައުންސިލްތަކުގެ އިލެކްޝަންތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ނަތީޖާއިން ފެންނަނީ ސަރުކާރުގެ މިސްރާބު ބަދަލުކުރަން ރައްޔިތުން ބޭނުންވާކަން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މި އިންތިހާބުތަކުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ހުރިހާ ސިޓީއެއްގެ މޭޔަރުކަމުގެ ގޮނޑި އެމްޑީޕީން ވަނީ ދިފާއުކޮށްފައެވެ. މީގެ އިތުރުން، ރިޔާސީ އިންތިހާބާއި އާންމު އިންތިހާބު އެއްކޮށްލުމާ މެދު ނެގި ހިޔާލު ހޯދުމުގެ ވޯޓުގައި ބައިވެރިވި މީހުންގެ 72 އިންސައްތަ މީހުން ވަނީ އެކަމާ ދެކޮޅަށް ވޯޓު ދީފައެވެ.
އިންތިހާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންނަށް މަރުހާބާ ދަންނަވައި ރައީސް ސޯލިހު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުން އިއްޔެ ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް “ނޫނެކޭ” ބުނެފައި ކަމަށެވެ. އަދި ސަރުކާރުން މިހާރުން މިހާރަށް ކުރަންޖެހޭ ކަމަކީ ރައްޔިތުންގެ އަޑު އަހައި، އެ މީހުން އެދޭ ގޮތަށް ސަރުކާރުގެ ސިޔާސަތުތަކަށް ލަސްނުކޮށް ބަދަލު ގެނައުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ސޯލިހުގެ ވާހަކަފުޅުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވި ހުރިހާ ރައްޔިތުންނަށާއި ޕާޓީއަށް ހެޔޮއެދޭ ފަރާތްތަކަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ. މި ނަތީޖާތަކަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ މެދު ރައްޔިތުންގެ މެދުގައި ހުރި ނުތަނަވަސްކަން ހާމަވެގެންދިޔަ ކަމެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން އަންނަނީ ސިފަކުރަމުންނެވެ.



