ޚަބަރު

ޖަމާޢަތް ނުހަދައި ވަކިވަކިން ނަމާދު ކުރެވޭގޮތަށް މާލެ ސަރަޙައްދުގެ މިސްކިތްތައް ހުޅުވާލައިފި

ޖަމާޢަތް ނުހަދައި ވަކިވަކިން ނަމާދު ކުރެވޭގޮތަށް މިރޭގެ މަޣްރިބް ނަމާދަށްފަހު މާލެ ސަރައްދުގެ މިސްކިތްތައް، އިސްލާމިކް މިނިސްޓްރީން ޢާއްމުކޮށް ހުޅުވާލައިފިއެވެ.

މާލެ ސަރައްހައްދުގައި ހިމެނޭ މާލެއާއި ހުޅުމާލެއާއި ވިލިމާލޭގެ މިސްކިތްތައް މިރޭ މަޣްރިބް ނަމާދަށްފަހު ޢާއްމުކޮށް ހުޅުވާލިއިރު ކޮންމެ މީހަކަށްވެސް ވަކިވަކިން މިސްކިތުގައި ނަމާދު ކުރެވޭނެކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

އިސްލާމިކް މިނިސްޓްރީން ނެރުއްވާފައިވާ ސާކިއުލާގައި ވަނީ، ރާއްޖޭގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރެވި ގްރޭޓާރ މާލެ ސަރަޙައްދު ފުރަބަންދުގެ ޙާލަތަށް ގެނައުމާ ގުޅިގެން އެ ސަރަޙައްދުގައިވާ މިސްކިތްތައް ވެސް ވަގުތީ ގޮތުން ބަންދުކޮށްފައި އޮތުމަށްފަހު، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް އެކި މަރުޙަލާތަކަށް ބަހާލައިގެން ފުރަބަންދުގެ ޙާލަތަށް ލުއިތަކެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން ނިންމާފައިވާކަމަށެވެ.

މިހާލަތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއެކު ޖަމާޢަތް ހެދުމަކާނުލައި، މިސްކިތުގައި ނަމާދުކުރުމަށް ބޭނުންވާ މީހުންނަށް މިސްކިތްތައް ހުޅުވާލުން އެންމެ ރަނގަޅުވާނެކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި، ޓެކްނިކަލް އެޑްވައިޒަރީގްރޫޕް (ޓެގް)އާއި ދީނީ ޢިލްމުވެރިން މި މިނިސްޓްރީއަށް ލަފާދެއްވާފައިވާތީ، މިއަދުގެ މަޣްރިބު ނަމާދުން ފެށިގެން ގްރޭޓާރ މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅީފަޅު) ގެ ހުރިހާ މިސްކިތްތައް ހުޅުވާލުމަށް ނިންމާފައިވާކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ނެރުއްވާފައިވާ ސާކިއުލާގައި ސަމާލުކަން ދޭންވީ ކަންތައްތަކެއް ވަނީ ފާހަގަކުރައްވާފައެވެ. އެއީ:

ހ. ނަމާދު ކުރުމަށް ހުޅުވާލާ މިސްކިތުގައި ކާޕެޓު އަޅަފައި ނެތުން

ށ. ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕުލައި ސާފު ކުރުން

ނ. މިސްކިތުގައި ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމު ހަމަޖެއްސުން

ރ. މި ޙާލަތުގައި އެއަރކޯނު ބޭނުން ނުކުރުން

މިސްކިތަށް ނަމާދަށް ދާ މީހުން ސަމާލުކަން ދޭންޖެހޭ ކަންކަން

– ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުން

– މުސައްލައެއް ގެންދިއުމާއި މާސްކު އެޅުން

– މިސްކިތައް ވަނުމުގައި އަދި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުން

– މުސައްލަ އެޅުމުގައި ގައިދުރުކަން ބެއްޓުމާއި، އެމީހެއްގެ މުސައްލަ މަތީގައި މެނުވީ ނަމާދު ނުކުރުން

– ރޯގާ ޖެހި ނުވަތަ ހުން އައިސް ނުވަތަ ކެއްސާނަމަ މިސްކިތަށް ނުދިއުން

– ނަމާދު ނިމުމަށް ފަހު މިސްކިތުގައި މަޑު ނުކުރުން

– ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި ޢުމުރުން ދުވަސް ވެފައިވާ މީހުން މިސްކިތަށް ނުދިއުން

– މިސްކިތުގައި އަދި މިސްކިތުން ބޭރުގައިވެސް އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުން ފަދަ ކަންކަން ކުރުމުން ދުރުހެލިވުން

– މިސްކިތުގައިވާ ޚަތިމްތައް ބޭނުން ނުކުރުން

އެހެންކަމުން މިކަންތައްތަކަށް ސަމާލުކަން ދިނުމާއެކު ގްރޭޓާރ މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ވަކިވަކިން ނަމާދު ކުރުން އެންމެ ރަނގަޅު ކަމުގައި މިނިސްޓަރީގެ ސާރކިއުލާރގައިވެއެވެ. އަދި މިސްކިތްތައް ހުޅުވާލި ނަމަވެސް، އިމާމާ މިސްކިތުގައި ޖަމާޢަތް ހަދައިގެން ނަމާދު ކުރާގޮތަށް ހަމަޖެހިފައިނުވާތީ، އިމާމުން ބަންގީގެ ފަހުގައި ގޭގައި ނަމާދުކުރުމަށް 2 ފަހަރު ގޮވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

އަދި މިސްކިތްތައް ހުޅުވާލުމުގައި ސަމާލުކަން ދިނުމަށް ފާހަގަ ކޮށްފައިވާ ކަންކަމަކީ މިހާރުގެ ޙާލަތަށް ރިޢާޔަތްކުރެވިގެން ކަނޑައެޅިފައިވާ މިންގަނޑުތަކެއްކަމަށާއި، ނަމަވެސް ފުރަބަންދުގެ ޙާލަތަށް ލުއި ދިނުމުގައި މަރުޙަލާތަކަކަށް ބަހާލެވިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާތީ، ޙާލަތަށް ރިޢާޔަތްކޮށް އިތުރު ލުއިތަކެއް ދިނުމަށް ހެލްތް ޕްރޮޓެކްޝަން

އެޖެންސީއިން ކަނޑައަޅައިފި ޙާލަތެއްގައި ޖަމާއަތުގައި ނަމާދުކުރުމާ ގުޅޭގޮތުން އިތުރު ލުއިތައް ދެމުން ދާނެ ކަމުގައިވެސް މިނިސްޓްރީން ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިދަނޑިވަޅުގައިވެސް ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރުމަށާއި، ފަރުޟު ފަސްނަމާދު ބަރާބަރަށް ޢަދާކުރުމަށާއި، ހެޔޮޢަމަލުތައް ގިނަކޮށް، މިހާރު ފެތުރިފައިވާ ބަލިމަޑުކަމުން ރާއްޖެ ސަލާމަތްކޮށްދެއްވުން އެދި މާތް ﷲގެ ޙަޟްރަތަށް ދުޢާ ދެންނެވުމުގައި ދެމިތިބުމަށް ހުރިހާ ރައްޔިތުންނަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތް ކުރައްވާފައެވެ.

މާލެ ސަރަޙާއްދުގައި އެންމެ ފުރަތަމަ ޖަމާޢަތުގައި ނަމާދުކުރުން މަނާކޮށްފައި ވަނީ، މާޗްމަހުގެ 18ވަނަ ދުވަހުން ފެށިގެންނެވެ. އަދި މާލެ ސިޓީ ހިމެނޭހެން ރާއްޖޭގެ 7 ރަށެއް ފިޔަވައި ހުރިހާ ރަށެއްގައި ޖަމާޢަތުގައި ނަމާދު ކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ މެއިމަހުގެ 23 ވަނަ ދުވަހު ދީފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close