ޚަބަރު

ލޭ ހޯދުމަށް އެމްބީއެސް އިން ކުރި އިލްތިމާސަށް އިޖާބަދީ، އެޗްޑީސީ ސްޓާފުންގެ ފަރާތުން މިއަދު ލޭ ހަދިޔާކުރަނީ

ރާއްޖޭގެ ބްލަޑް ބޭންކަށް ލޭ ލިބުން ވަރަށް ބޮޑަށް ދަތިވެފައިވާ މި ދަނޑިވަޅުގައި، މޯލްޑިވްސް ބްލަޑް ސަރވިސް (އެމްބީއެސް) އާއި ގުޅިގެން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ސްޓާފުންގެ ފަރާތުން ލޭ ހަދިޔާކުރުމުގެ ޚާއްސަ ކޭމްޕެއް މިއަދު ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.

މި ކޭމްޕަކީ ބްލަޑް ބޭންކަށް ދިމާވެފައިވާ ލޭގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.

އެމްބީއެސް އިން ވަނީ މިދިޔަ ހަފްތާގައި ބްލަޑް ބޭންކުގައި ލޭ މަދުވެފައިވާކަމަށް އިއުލާންކޮށް، ވީހާވެސް ގިނަ ފަރާތްތަކުން ލޭ ހަދިޔާކޮށްދިނުމަށް އިލްތިމާސްކޮށްފައެވެ. މިދުވަސްވަރު ލޭ ހޯދަން ވަރަށް ބޮޑަށް ދަތިވެފައިވާކަމަށާއި، ޚާއްސަކޮށް ބައެއް ލޭގެ ވައްތަރުތަކަށް ވަނީ ބޮޑު ތާށިކަމެއް ދިމާވެފައެވެ.

މި އިލްތިމާސަށް އިޖާބަދިނުމުގެ ގޮތުން، އެޗްޑީސީ އާއި އެމްބީއެސް ގުޅިގެން އިންތިޒާމުކުރި މި ބްލަޑް ޑޮނޭޝަން ކޭމްޕުގެ މައިގަނޑު މަޤްސަދަކީ، ބްލަޑް ބޭންކުން މި ދަނޑިވަޅުގައި ލޭ މަދުވެފައިވާތީ، އެކަމަށް ހައްލު ހޯދައިދިނުމަށް އެޗްޑީސީ ސްޓާފުންގެ ފަރާތުން އެހީތެރިވުމެވެ. މިއީ މުޖުތަމަޢަށް ދިމާވާ ދަތިކަންތަކުގައި ކޯޕަރޭޝަންގެ މުވައްޒަފުންގެ ދައުރު އަދާކުރުމުގެ މުހިންމު ފިޔަވަޅެކެވެ.

އެމްބީއެސް އިން ފާހަގަކުރާ ގޮތުގައި އެ އިދާރާއަށް މިވަގުތު ވަރަށް އަވަހަށް ބޭނުންވަނީ އޭ+، އޯ+، ބީ+، އޭބީ+، ބީ- އަދި އޯ- ލޭގެ ވައްތަރުތަކެވެ. ލޭ ހަދިޔާކުރުމަކީ އެހެން މީހެއްގެ ފުރާނަ ސަލާމަތްކުރެވޭނެ އެންމެ މަތިވެރި އަދި އެންމެ ފަސޭހަ އެއް ގޮތްކަމަށް މޯލްޑިވްސް ބްލަޑް ސަރވިސް އިން އިލްތިމާސްކުރެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close