ޑެންގީ އާއި އަރިދަފުސް ރޯގާ އިތުރުވަމުންދާތީ ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

މިދުވަސްވަރު ރާއްޖޭގައި ޑެންގީހުމާއި އަރިދަފުސް ރޯގާ ފެތުރޭ މިންވަރު އިތުރުވަމުންދާތީ، އާންމު ސާފުތާހިރުކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ނޮވެންބަރު މަހު 382 ޑެންގީ ކޭސް ރިޕޯޓްކޮށްފައިވާއިރު، ޑިސެންބަރު މަހު އެ އަދަދު ވަނީ 413 އަށް އިތުރުވެފައެވެ. ޗުއްޓީ ދުވަސްވަރާ ދިމާކޮށް ދަތުރުފަތުރު އިތުރުވުމާއި، އުމްރާގެ ދަތުރުތައް ނިންމާފައި މީހުން އަންނަ މިންވަރު އިތުރުވުމަކީ ބަލިތައް ފެތުރުން އަވަސްވާ ސަބަބެއް ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.
ޑެންގީގެ އިތުރުން އިންފްލުއެންޒާ އާއި ބޭރަށް ހިންގުމުގެ ކޭސްތައްވެސް މިދުވަސްވަރު ދަނީ ފެންނަމުންނެވެ. އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު ފައުޒާ އިބްރާހިމް ވިދާޅުވި ގޮތުގައި، ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަކީ މުހިއްމު ކަމެކެވެ. އަދި ބަލިވެ އުޅޭނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް، ގޭގައި މަޑުކޮށްގެން އެކަހެރިވުމަށް (އައިސޮލޭޓްވުމަށް) އެ އިދާރާއިން ނަސޭހަތްތެރިވެއެވެ.

