ވިޔަފާރި

މިސްރުގެ ހުޅަނގު ސަހަރާއިން އާ ގޭސް ފީލްޑެއް ފެނިއްޖެ

މިސްރުގެ ހުޅަނގު ސަހަރާއިން ގުދުރަތީ ގޭހުގެ އާ ފީލްޑެއް ފެނިފައިވާކަން އެ ގައުމުން އިއުލާނުކޮށްފިއެވެ. ފުރަތަމަ ކުރެވުނު ޓެސްޓުތަކުން ދައްކާ ގޮތުގައި، މި ސަރަހައްދުން ދުވާލަކު ގާތްގަނޑަކަށް 26 މިލިއަން ކިއުބިކް ފޫޓުގެ ގޭހާއި، 2،700 ފީފާގެ ކޮންޑެންސޭޓް (ފިނިކުރެވިފައިވާ ގޭސް) އުފެއްދޭނެއެވެ.

މިސްރުގެ ޕެޓްރޯލިއަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވާގޮތުން، މި ހޯދުމަކީ އެމެރިކާގެ ހަކަތައާ ބެހޭ ކުންފުންޏެއް ކަމަށްވާ ‘އަޕާޗޭ ކޯޕަރޭޝަން’ އާއި ‘އިޖިޕްޝަން ޖެނެރަލް ޕެޓްރޯލިއަމް ކޯޕަރޭޝަން’ ގުޅިގެން ސައުތު ކަލާބްޝާ ސަރަހައްދުގައި ކުރިއަށްގެންދިޔަ ‘SKAL-1X’ އެކްސްޕްލޯރޭޓަރީ ވަޅު ކޮނުމުގެ މަސައްކަތުގެ ތެރެއިން ފެނުނު ތަނެކެވެ.

މި ހޯދުމަކީ މިސްރުގެ މިނިސްޓްރީ އޮފް ޕެޓްރޯލިއަމް އެންޑް މިނަރަލް ރިސޯސަސްއިން ތައާރަފުކުރި ހިތްވަރުދޭ ފިޔަވަޅުތަކުގެ ނަތީޖާއެއް ކަމަށް ބެލެވެއެވެ. މި ފިޔަވަޅުތަކުގެ ސަބަބުން، އަޕާޗޭ ކުންފުނިން އެ ގައުމުގައި ކުރާ އިންވެސްޓްމަންޓްތައް އިތުރުކޮށް، ހާއްސަކޮށް މިހާރުވެސް މަސައްކަތް ކުރަމުންދާ ސަރަހައްދުތަކާ ކައިރި ހިސާބުތަކުގައި ދިރާސާކުރުމުގެ މަސައްކަތް ފުޅާކުރުމަށް ވަނީ މަގުފަހިވެފައެވެ.

އޮގަސްޓް 2024 ގައި މިސްރުން ވަނީ ގޭހާއި ތެޔޮ ހޯދުމަށް ކުރާ މަސައްކަތްތައް ހަލުވިކޮށް، އުފައްދާ މިންވަރު އިތުރުކުރުމަށްޓަކައި އާ އިނާޔަތްތަކެއް އިއުލާނުކޮށްފައެވެ. މިއީ އެ ގައުމުގެ އެތެރޭގެ ބޭނުންތަކަށް ބޭނުންވާ މިންވަރާއި އުފައްދާ މިންވަރާ ދެމެދު އޮތް ފަރަގު ކުޑަކުރުމަށް ކުރެވޭ މަސައްކަތެކެވެ.

މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި އާ ހޯދުން ފެނިފައިވަނީ ދާދި ފަހުން އެ ކުންފުންޏަށް ހަވާލުކުރި، އަދި މިހާރުވެސް މަސައްކަތް ހިނގަމުންދާ ސަރަހައްދުތަކާ ވަރަށް ކައިރި ހިސާބަކުންނެވެ. މީގެ ސަބަބުން މިހާރު ހުރި އިންފްރާސްޓްރަކްޗާއާއި އުފެއްދުންތެރިކަމުގެ ވަސީލަތްތައް ބޭނުންކޮށްގެން، މަދު ހަރަދަކުން އަދި އަވަސް މުއްދަތެއްގެ ތެރޭގައި މި ސަރަހައްދުން ގޭސް ނެރުމުގެ މަސައްކަތް ފެށުމަށް ފަސޭހަވެގެންދާނެއެވެ.

އަޕާޗޭ ކުންފުނިން މިސްރުގެ ޕެޓްރޯލިއަމް ދާއިރާއަށް ކުރި އިންވެސްޓްމަންޓްތައް 2023 ވަނަ އަހަރު ހުރި 2 ބިލިއަން ޑޮލަރުން، 2024 ވަނަ އަހަރު 2.7 ބިލިއަން ޑޮލަރަށް ވަނީ އުފުލިފައެވެ. އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިސްރުގައި އެ ކުންފުނިން ދުވާލަކު ގާތްގަނޑަކަށް 211,000 ފީފާގެ ތެލާއި ގޭސް އުފައްދައެވެ.

ކުންފުނީގެ އަމާޒަކީ 2026 ވަނަ އަހަރުގެ ނިޔަލަށް ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު އިންވެސްޓްކޮށް، އިތުރު 34 ވަޅު ކޮނުމެވެ. މީގެ ބޭނުމަކީ ދުވާލަކު ގާތްގަނޑަކަށް 500 މިލިއަން ކިއުބިކް ފޫޓުގެ ގޭސް އުފެއްދުމެވެ.

ރަސްމީ ހިސާބުތަކުން ދައްކާގޮތުގައި، މިސްރުގައި މިހާރު ދުވާލަކު އުފައްދަނީ ގާތްގަނޑަކަށް 4.2 ބިލިއަން ކިއުބިކް ފޫޓުގެ ގޭހެވެ. ނަމަވެސް، އެ ގައުމުގެ އެތެރޭގެ ބޭނުންތަކަށް ދުވާލަކު 6.2 ބިލިއަން ކިއުބިކް ފޫޓުގެ ގޭސް ބޭނުންވެއެވެ. މި ފަރަގު ފޫބެއްދުމަށްޓަކައި މިސްރުން ދަނީ ބޭރު ގައުމުތަކުން ލިކުއިފައިޑް ނެޗުރަލް ގޭސް (LNG) އެތެރެކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close