ހޮރްމޫޒް ކަނޑުއޮޅި ބަންދެއް ނުކުރަން، އީރާނުގެ ދުޝްމަނުން ފިޔަވައި އެހެން އުޅަނދުތަކަށް ދަތުރުކުރެވޭނެ: އީރާން

ހޮރްމޫޒް ކަނޑުއޮޅި އީރާނުން ބަންދުކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށާއި، އީރާނުގެ ދުޝްމަނު ގައުމުތަކުގެ އުޅަނދުތައް ފިޔަވައި އެހެން އުޅަނދުތަކަށް ދަތުރުކުރެވޭނެކަމަށް އީރާނުން ބުނެފިއެވެ.
އދ. ގައި ހުންނަ އީރާނުގެ މިޝަނުން ހާމަކުރި ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރި ކަމަށް ބުނާ ބުނުމަކީ ބާތިލް ވާހަކައެކެވެ. އަދި އީރާނަކީ ބައިނަލްއަގުވާމީ ގާނޫނުތަކަށާއި ކަނޑުދަތުރުފަތުރުގެ މިނިވަންކަމަށް އިހުތިރާމްކުރާ ގައުމެއް ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ. އީރާނުން ބުނި ގޮތުގައި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ނަގާލަނީ އެމެރިކާއިންނެވެ.
މި މައުލޫމާތުތައް ހާމަކުރަމުން އީރާނުން ބުނެފައިވަނީ، އިންޑިއާގައި ބޭއްވި ކަނޑުގެ އަސްކަރީ ތަމްރީނުތަކެއް ނިންމާލުމަށްފަހު އެނބުރި ގައުމަށް ދަތުރުކުރި އީރާނުގެ “ދެނާ” (Dena) ނަމަކަށް ކިޔާ މަނަވަރަށް އެމެރިކާގެ ސަބްމެރީނަކުން އިންޒާރެއް ދިނުމަކާ ނުލައި ހަމަލާދީފައިވާ ކަމަށެވެ. މި ހަމަލާ ދީފައިވަނީ އީރާނުގެ އައްސޭރިފަށާ ގާތްގަނޑަކަށް 2،000 މޭލު ބޭރުން، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދެއްގައި ކަމަށްވެސް އީރާނުން ބުނެއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވި ގޮތުގައި، މި ހަމަލާ ދީފައިވަނީ ބުދަ ދުވަހު ސްރީލަންކާގެ އައްސޭރިފަށާ ދުރުން ހިންދު ކަނޑުގެ ސަރަހައްދުގައެވެ. މި ހަމަލާގައި މަނަވަރުގައި ތިބި 130 ފަޅުވެރިންގެ ތެރެއިން 100 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، 32 މީހަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. އަދި ބައެއް މީހުން ގެއްލިފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އިސްރާއީލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ އަސްކަރީ ކެމްޕޭނެއްގެ ތެރެއިންނެވެ. މި ހަމަލާތަކުގައި މިހާތަނަށް 926 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި އީރާނުގެ އެންމެ މަތީ ލީޑަރު އަލީ ޚާމަނާއީ އާއި އަސްކަރިއްޔާގެ އިސް ވެރިން ހިމެނެއެވެ.
މި ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ވަނީ އިސްރާއީލަށާއި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ގަލްފުގެ ބައެއް ގައުމުތަކަށް ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދީފައެވެ.
